ރިޕޯޓް

ހުޅުލެ-މާލެ ބްރިޖުގެ "ފޯރި" ސޯޝަލް މީޑިޔާއިން

Sep 9, 2015

"ދާން ވާނެ ބްރިޖް މަތީގައި މަސް ބާނަން. ބޮޑެތި ރަތް މަސް ބާނަން،" ބްރިޖްގެ ތްރީޑީ އެނިމޭޓެޑް ކުރެހުން ދައްކާލުމާއެކު ސޯޝަލް މީޑިޔާގައި މީހަކު ފާޅުކޮށްފައިވާ ހިޔާލުގައިވެ އެވެ.

ހުޅުލެ-މާލެ ބްރިޖްގެ ކުރެހުން ފެނުމާއެކު މިވަނީ ފާޑެއްގެ ބަހުސެއް ފެށިފަ އެވެ. މި ފޯރިގަނޑު އެންމެ ގަދައީ ސޯޝަލް މީޑިޔާގަ އެވެ. ފޭސްބުމާއި ޓްވިޓާގައި ބްރިޖްގެ ފޮޓޯތައް ލައި، ހަމަ "ކައްކަނީ" އެވެ. ބައެއް މީހުންގެ ނަޒަރުގައި މި ފާލަން "އެއްވެސް ރީއްޗެއް ނޫނެވެ"

ނަމަވެސް، މި ހިޔާލާ ދެކޮޅު މީހުންގެ ނަޒަރުގައި މި ތަން ނިމިގެން ދާއިރު މިއީ ރާއްޖޭގައި ހުރި އެންމެ ފުރިހަމަ އެއް ބިނާއަށް ވާނެ އެވެ. މިއާއެކު ސޯޝަލް މީޑިޔާގައި ބައެއް މީހުން ބްރިޖަށް އަރައިފި އެވެ. އަނެއް ބަޔަކު ބްރިޖަށް އެރުމުގެ "ހުވަފެންތައް" މިހާރު ދެކެން ފަށައިފި އެވެ.

"އަހަރެމެން ވަރަށް އަވަހަށް ހުޅުމާލެ އަށް ހިޔާފައި ދާނަން-ޝުކުރިއްޔާ ރައީސް ޔާމީން،" ޒުވާނަކު އޭނާގެ ހިޔާލު ޓުވިޓާގައި ފާޅުކުރީ މިގޮތަށެވެ.

މީގެ އިތުރުން މިގޮތަށް ހުރި އެހެން ވާހަކަ ތަކަށް ބަލާއިރު، ތަފާތު ހިޔާލުތައްވެސް ހިމެނެ އެވެ. އެގޮތުން އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވާ ޒުވާނަކު ބްރިޖުގެ ކުރެހުން ފެނުމުން އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ ހަބަރު ސުރުހީ ތަކެކެވެ.

"ނިއުސް އިން 2018، ޗައިނާ މޯލްޑިވްސް ބްރިޖުން މީހަކު ވެއްޓި މަރުވެއްޖެ؟ "

"ޗައިނާ މޯލްޑިވްސް ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޑެއް ހިންގައި ހަތަރު މީހަކު އައިސީޔޫގައި"

"ބްރިޖް މަތީގައި ސެލްފީ ނަގަން އުޅެނިކޮށް ފޯނު މޫދަށް ވެއްޓިއްޖެ!"

މި ހިޔާލަށް ރައްދުގައި އެހެން މީހަކު ބުނެފައިވެ އެވެ.

"ހުޅުމާލެ ބްރިޖުން ދުއްވަމުން ދިޔަ ކާރެއް ސިންގަޕޫރަށް."

ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއްގެ ދަށުން ރާއްޖޭގައި އަޅާ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ވަންނަ ދޮރު ފަރުމާކޮށްފައިވަނީ މިސްކިތެއްގެ މޫނު މަތި ފެންނަ ގޮތަށެވެ. ބްރިޖަށް އަރަން އަންނައިރު، މިސްކިތުގެ ދެ ޓަވަރު ފެންނަން ހުރެ އެވެ.

ދިގުމިނުގައި 1.39 ކިލޯ މީޓަރު އަދި 20 މީޓަރު ފުޅާ ބްރިޖްގެ މަސައްކަތް މި އަހަރު ފަށައި 2017 ވަނަ އަހަރު ނިންމާލުމަށް ސަރުކާރުން މިވަނީ ހިފާފަ އެވެ. ނަމަވެސް ބައެއް މީހުންގެ ނަޒަރުގައި މިއީ ވާނެ ކަމެއް ނޫނެވެ. އެކަމަކު ސަރުކާރުނަށް ސަޕޯޓްކުރާ މީހުންގެ ނަޒަރުގައި ބްރިޖަށް އަރާތަން ދާދި އަވަހަށް ފެންނާނެ އެވެ. އެކަމަށް އުންމީދު އެބަ އޮތެވެ. އެއަށް ވުރެ ވަކި ޔަގީން ކަމެއް ވެސް ނެތެވެ.