ހަބަރު

މަޖީދީ މަގުގައި ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާލޭގެ މަޖީދީ މަގުގައި މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީއެއްގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަޖިދީ މަގު ހީނާމާގޭ ޕާކިން ޒޯން ކައިރީ ތިން މީހެއްގެ ގްރޫޕަކުން މީހަކަށް ހަމަލާދީ މާރާމާރީ ވަނީ ހިންގާފަ އެވެ. ފުލުހުންނަށް އެ ދުވަހު އެ މައްސަލައިގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ދިޔައިރު އޭގައި ޝާމިލްވާ އެއްވެސް މީހަކު ފެންނަން ނެތް ކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ މާރާމާރީއާ ގުޅިގެން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރޭ ފަތިހު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ގޮތުން ހައްޔަރު ކޮށްފައިވާ 19 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.

މަޖީދީ މަގު ހިނާމާގޭ ޕާކިން ޒޯނު ކައިރީ ހިންގި އެ މާރާމާރީގެ މަންޒަރު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން މީހުންގެ ގްރޫޕަކުން މީހަކު ވައްޓާލާ ފައިން ތަޅައިގެން ވަރަށް ބޮޑަށް އަނިޔާ ކުރެ އެވެ. އޭރު އެ ކަން ހުއްޓުވަން މީހަކު މަސައްކަތް ކުރާ ތަނެއް ވެސް ވީޑިއޯއަކުން ނުފެނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.