ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އަންގައިފި

ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށް ޓަކައި ރިސޯޓުތަކުގައި ހުންނަ ސްޕާތައް ފިޔަވަައި އެހެން ސްޕާތައް ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ދަށުން އެ އެޖެންސީއަށް ލިބިދޭ ބާރުގެ ދަށުން މިރޭ ދަންވަރު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަން ދެން ރިސޯޓުތަކުގައި ހުންނަ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އަންގާ ކަމަށެވެ. އޭގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައް ވެސް ހިމެނޭ ކަމަށެވެ

ރާއްޖޭން މިހާތަނަށް ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

އެހެންކަމުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ އެކަހަރިކޮށް ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ހުއްޓާލާފައިވެ އެވެ.