ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ވައިގެ ދަތުރުތައް މެދުކަނޑާލަނީ

Mar 19, 2020

ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް އިންޑިއާއިން އެއް ހަފުތާއަށް ހުއްޓާލަން ނިންމައިފި އެވެ. އިންޑިއާ ސަރުކާރުން މިއަދު ނިންމާފައިވަނީ ކުރިއަށް އޮތް އެއް ހަފުތާއަށް އެ ގައުމަށް އެއްވެސް ބޭރުގެ ފްލައިޓެއް ނުޖެއްސުމަށެވެ. އެއާޕޯޓްތަކުގައި ދަތުރުތައް ކުރާނީ ހަމައެކަނި ޑޮމެސްޓިކް ދަތުރުތަކެވެ.

އިންޑިއާއިން މި ފިޔަވަޅު އެޅީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުންދާތީ، އެކަން ހުއްޓުވުމުގެ ގޮތުންނެވެ. ބައިނަލްއަގްވާމީ ފްލައިޓްތަކަށް އިންޑިއާގެ އެއާޕޯޓްތައް ބަންދު ވާނީ މި މަހުގެ 22 ވަނަ ދުވަހުން 29 ވަނަ ދުވަހަށެވެ.

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ވައިރަހާ ދެކޮޅަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، ވީހާވެސް ގިނަ މީހުން ޓެސްޓުކުރުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފައިވީ ނަމަވެސް އިންޑިއާގެ ޓެސްޓް ކުރާ އަދަދު ވަރަށް މަދެވެ. އެހެންވެ އެ ގައުމުގެ ހަގީގީ އަދަދު ސާފެއް ނުވެ އެވެ.

އިންޑިއާއިން ޓެސްޓު ކުރަނީ، އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ގައުމަކުން އެނބުރި އަންނަ ފަރާތްތަކުގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓުވެ، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ފަރާތްތައް އެކަންޏެވެ.

އެގޮތުން، އިންޑިއާގައި ދުވާލަކު 8،000 ޓެސްޓު ކުރުމުގެ ގާބިލުކަންހުރި ނަމަވެސް، ޓެސްޓު ކުރާ މީހުންގެ އަދަދު ހުރީ އެންމެ 90 ގަ އެވެ. އިންޑިއާގައި މިހާތަނަށް 151 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފަ އެވެ.

ނަމަވެސް، ޑަބްލިޔުއެޗްއޯގެ އިރުޝާދު އިންޑިއާގައި އަދި ތަންފީޒުކުރަންޖެހޭ ހާލަތެއްނެތް ކަމަށް އެގައުމުގެ ބައެއް އޮފިޝަލުން ވަނީ ބުނެފަ އެވެ.