ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޮޑުފުޅަދޫ އާއި ސަފާރީއެއް ލޮކްޑައުންކޮށް ދެ މީހަކު ޓެސްޓްކުރަނީ

Mar 19, 2020
1

އއ. ބޮޑުފުޅަދޫ އާއި އީކުއޭޓާ ނަމަކަށްކިޔާ ސަފާރީއެއް ލޮކްޑައުންކޮށް ދެ މީހަކު ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބޮޑުފުޅަދޫއިން ޓެސްޓް ކުރަނީ އެ ރަށުގެ ގެސްޓްހައުސްއެއް ކަމަށްވާ ހޮލިޑޭ ވިލެޖްގެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނިފައިވާތީ އެވެ. އެ ރަށަށް މީހުން އެރުމާއި ފޭބުން މަނާކޮށް ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ވަނީ ފުރާފަ އެވެ.

ސަފާރީގައި އަލާމާތްތައް ފެނިފައިވަނީ ދިވެއްސެއްގެ ފަރާތުންނެވެ. އޭނާ ޓެސްޓް ކުރުމަށް ޑޮކްޓަރުންގެ ޓީމެއް އެ ސަފާރީއަށް ދިޔުމަށް ވެސް ވަނީ ފުރާފަ އެވެ.

ކިރިޔާ އަލާމާތެއް ފެނުނަސް މިހާރު އެޗްޕީއޭއިން އެ މީހެއްގެ ޓެސްޓް ހަދަ އެވެ. އެގޮތުގެ މަތިން ކުރި ގިނަ ޓެސްޓްތަކެއް ނަތީޖާ މިއަދު ލިބިފައިވާއިރު، އެ ހުރިހާ ނަތީޖާއެއް ވެސް ނެގެޓިވް އެވެ. އެގޮތުން ސައުތު ކޮރެއާއިން އައި ފަހުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށް ޓެސްޓްކުރި މީހާ ވެސް ނެގެޓިވް އެވެ.

މީގެއިތުރުން އައްޑޫ ސިޓީ، ހިތަދޫގައި އެކަހެރިކުރި ކުޑަ ކުއްޖާ އާއި ރ. ފައިނު، ޅ. ހިންނަވަރު، އަދި މާލޭގައި އެކަހެރިކުރި މީހުންގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކުރި އެވެ. މީގެތެރެއިން ހިތަދޫއިން އެކަހެރި ކުއްޖާއަކީ އިންޑިއާއިން އެނބުރި އައި ކުއްޖެކެވެ. އެ ކުއްޖާ ޓެސްޓްކުރީ ރޮގާ ހުރުމުންނެވެ. ދެން ތިބި މީހުންނަކީ ވެސް ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އައިއިރު ހުމުގެ އަސަރު ހުރުމުން ޓެސްޓްކުރި މީހުންނެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

އެހެންކަމުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ އެކަހަރިކޮށް ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ.

ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ހުއްޓާލާފައިވެ އެވެ.