ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްއާރްސީއެމް

ކޮވިޑް-19: ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލަ ބަލަނީ

ކޮވިޑް-19 ރާއްޖޭން ފެނި ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ބޮޑެތި އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލަތައް ބަލަން ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމް އިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާ ކަމަށާއި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް މަޑު ކުރުމަށް އަންގަމުންދާ ކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

އެޗްއާރުސީއެމް އިން އެހެން ބުނިއިރު، ރާއްޖޭން ކޮވިޑް-19 ވައިރަސް ފެނުމާ ގުޅިގެން އެ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ. އެއާއެކު ރާއްޖެއަށް އެންމެ ޓޫރިސްޓުން ގިނައިން އަންނަ ގައުމުތަކުން ވެސް ޓޫރިސްޓުން ނާދެވި، ޓޫރިސްޓު ވިޔަފާރިތައް ވަނީ ދަށަށް ގޮސްފަ އެވެ.

މި ހާލަތްތަކުގައި ބައެއް ޓޫރިސްޓު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑު ކުރުމަށް ދަނީ އަންގަމުންނެވެ. މި ކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް އެހެން ވިޔަފާރިތައް ކުރާ ކުންފުނިތަކުން ވެސް މުވައްޒަފުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން ސަފާރީއެއްގައި ތިބި ދެ މީހެކެވެ.

އެ އެންމެނަކީ ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުނެވެ. އިޓަލީ އަކީ މި ވަގުތު ކޮވިޑް-19 ގެ ރޯގާ އެންމެ ބޮޑަށް ފެތުރެމުންދާ ގައުމެވެ.

މިއާއެކު ރާއްޖެއަށް އަންނަ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖަށް ތައާރަފުކޮށްފަ އެވެ. އަދި ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ވެސް ނިންމާފައިވެ އެވެ.