ބޭރު ކުޅިވަރު

ޗާލްޓަންގެ ރެކޯޑް ރޫނީ މުގުރާލައިފި

Sep 9, 2015

އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އުމުރުން މިހާރު 77 އަހަރުގެ ޗާލްޓަންގެ އަތުގައި އޮންނަތާ 45 އަހަރުވެއްޖެ އެވެ. އޭނާ ޖަހާފައިވާ ގޯލުގެ އަދަދަކީ 49 އެވެ. ރޭ ރޫނީ ޖެހި ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރައިފަ އެވެ.

"އަހަރެން ޔަގީންކުރަން މި ރެކޯޑުގެ ސަބަބުން ޗާލްޓަން މާޔޫސް ނުވާނެކަން. ޗާލްޓަން އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑެއް. (އޭނާގެ) މި ރެކޯޑް މި މުގުރާލީ މެންޗެސްޓާ ޔުނައިޓެޑުގެ (މިހާރުގެ) ކެޕްޓަން. އަހަރެން ގަބޫލުކުރަނީ އޭނާ މިކަމާ ފަހުރުވެރިވާނެ ކަމަށް،" މެޗަށް ފަހު ރޫނީ ބުންޏެވެ.

ގައުމީ ޓީމަށް ރޭ 107 ވަނަ މެޗު ކުޅެދިން ރޫނީ ބުނީ ޕެނަލްޓީ ޖަހައިންދިޔައިރު އާދަޔާ ހިލާފު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ. އެންމެންގެ ފޯނުތަކާއި ކެމެރާތައް އޭނާ އަށް އަމާޒުވާނެކަން ޔަގީންކުރި ކަމަށާއި ނަމަވެސް ރެކޯޑް މުގުރާލެވުމުން ވަރަށް އުފާވި ކަމަށެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް އިނގިރޭސިން ވަނީ އަންނަ އަހަރު ފްރާންސްގައި ބާއްވާ މުބާރާތަށް ކޮލިފައިވެފަ އެވެ.