ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ހަރަމް އަދި ނަބަވީގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގައިވާ މަސްޖިދުލް ހަރަމް އަދި މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ސައުދީ ސަރުކާރުން މިފިޔަވަޅު އަޅާފައިވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުންނެވެ. ކޯވިޑުން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން މީގެ ކުރިންވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން ވަނީ ހުއްޓުވާފައެވެ. އަދި ދެ ހަރަމްގައި ނަމާދުކުރުން ފިޔަވައި އެހެން ހުރިހާ އަޅުކަމެއް ކުރުން ވަނީ ގާތްގަނޑަކަށް މަނާކޮށްފައެވެ. އެގޮތުން ކަނޑައަޅާ ވަކި ހާއްސަ ވަގުތުތަކެއްގައި ވަކި ސަރަހައްދެއްގައި ނޫނީ ތޮވާފް ނުކުރެވޭގޮތަށް ކައުބާ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގައިވާ މަސްޖިދުލް ހަރަމް އަދި މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ ބަލަހައްޓާ އޮފީހުން ރޭ ބުނީ އެ ދެ މިސްކިތްކޮޅުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ.

އެ ނިންމުމާއެކު ސިފައިން ވަނީ ދެ މިސްކިތްކޮޅު ހިމެނޭ ސަރަހައްދު މުޅިން ބަންދުކޮށްފައެވެ.

ސައުދީން އެޅި ފިޔަވަޅުތަކާއެކު މިވަގުތު އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި އެތައް ހާސް ބަޔަކު ވަނީ ފުރައިގެން ގައުމަށް ގޮސްފައެވެ.

ސައުދީންވެސް ވަނީ ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައެވެ. އެ ގައުމަށް އެ ވައިރަސް ފެތުރިފައިވަނީ އީރާނުންނެވެ. އެ ގައުމުން ވައިރަސް ފެނުނު މީހުންގެ އަދަދު 300އާ ގާތްކުރާއިރު މިހާތަނަށް އެ ބަލީގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ކޯވިޑް19 އާ ގުޅިގެން މީގެ ކުރިން ސައުދީ ސަރުކާރުން ވަނީ ބަރަކާތްތެރި ފެނެއް ކަމަށްވާ ޒަމްޒަމްވެސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ކޮރޯނާގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ހާލަތަށް ބަލާ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ ހާލަތު ބަދަލުނުވާނަމަ މިއަހަރުގެ ހައްޖުގެ އަޅުކަން ކެންސަލް ކުރަން ޖެހުމަކީވެސް ވަރަށް އެކަށީގެންވާ ކަމެވެ. މީގެ ކުރިންވެސް އެކިއެކި ސަބަބުތަކާއި ގުޅިގެން 40 އަހަރު ހައްޖުގެ އަޅުކަން ކެންސަލް ކުރަން ޖެހުނެވެ.