ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަންދެލީގެ މީހާގެ ނަތީޖާ ނެގެޓިވްވުމުން ރިސޯޓް ހުޅުވާލައިފި

Mar 20, 2020

ނ. އަތޮޅުގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ކުރި ޓެސްޓްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ. އޭނާގެ ނަތީޖާ ނެގެޓިވްވުމުން ރިސޯޓް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ. މީގެކުރިން ރިސޯޓް އޮތީ ލޮކްޑައުންގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ނަމަވެސް، ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި، ގިނަ ބަޔަކު ޓެސްޓްކޮށްފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ފެނިފައެއްނުވެ އެވެ. ޕޮޒިޓިވް މީހަކު ނުފެންނަތާ މިހާރު ވަނީ ފަސް ދުވަސްވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

މިހާރު ސަރުކާރުން އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކެއްވާނަމަ އެމީހެއްގެ ސާމްޕަލް ނެގުމެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ.