ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔުނިވާސަލް އެންޓަޕްރައިސެސް

ޔުނިވާސަލް މުވައްޒިފުންގެ މުސާރައަށް ގެންނަ ބަދަލު އަންގައިފި

ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓްތައް ވަގުތީގޮތުން ބަންދުކޮށް، މުވައްޒިފުންގެ މުސާރައަށް ގެންނަ ބަދަލުތައް އަންގައިފި އެވެ.

މިވަގުތު ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާތީ ކުރިއަށް އޮތް މަސްތަކަށް އެއްވެސް ބުކިންއެއް ނެތުމުން އޭޕްރީލް މަހުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓެއްގެ ހިންގުން ތިން މަސްދުވަހަށް ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މުވައްޒިފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އިއްޔެ ވަނީ ބުނެފައެވެ.

އޭގެ ފަހުން ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ސޮއިކުރައްވައި މުވައްޒިފުންނަށް ފޮނުވާފައިވާ ޕޮލިސީ ގައިޑްލައިންގައިވަނީ މުވައްޒިފުންނަށް ދޭ ތިން މަސް ދުވަހުގެ ޗުއްޓީގައި މުސާރަ ދޭނެ ގޮތުގެ ތަފްސީލް ހިމަނާފައެވެ.

އެގޮތުން 380 ޑޮލަރަށް ވުރެ ދަަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން އުނި ނުުކުރާނެ ކަމަށާ އެއަށްވުރެ އިތުރަށް މުސާރަ ލިބޭ މުވައްޒިފުންގެ މުސާރައިން 50 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މުވައްޒިފުންގެ ޗުއްޓީ ހަމަޖެހިފައިވާ ގޮތާއި، އެހެން ގައުމުތަކަށް ނިސްބަތްވާ މުވައްޒިފުންނާމެދު ކަންތައް ކުރާނެ ގޮތްވެސް ޕޮލިސީ ގައިޑްލައިންގައިވަނީ ހިމަނާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޔުނިވާސަލް އެންޓަޕްރައިސަސްއިން މިއަދު ބުނީ ދުނިޔެއަށް ދިމާވަމުންދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ދިވެހި އެއް ކުންފުންޏަށް އެ ކުންފުނިވާނެ ކަމަށާ ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކޮށް އަދި ކުންފުނީގެ ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. -ޔުނިވާސަލް އެންޓަޕްރައިސަސްގައި 3200 ވުރެ މުވައްޒިފުން މަސައްކަތް ކުރެއެވެ.-

"މި ނިންމުން ކޮންމެ މަހަކު އެއް ފަަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަވުމަކީ މި ކުންފުނީގެ އުންމީދު. އަދި ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތާއި މި ހިނގާ މާޗް މަހުގެ މުސާރައާއި ސާވިސްޗާޖް އެެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒިފުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭނެ." ޔުނިވާސަލްގެ ބަޔާނުގައިވެއެވެ.