ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ކޮވިޑް-19 ބަލި ޖެހުނު ދެ މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު އެ ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ. އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ. މިރޭ ސަރުކާރުން ހާމަކުރި ގޮތުގައި އެ ދެ މީހުން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ.

ކޮވިޑް-19 އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

އެތަނުން 70 އަހަރުގެ މީހާ ހާލު ދެރަވެގެން މި މަހުގެ 10 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. އެމީހާގެ ހާލު އޭރު ވެސް ދިޔައީ ދަށްވަމުންނެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ މީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ވެސް ހާމަކޮށްފަ އެވެ.

މިރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ އެ ދެ މީހުންގެ އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ، ޑަބްލިއުއެޗްއޯގެ ޕްރޮޓްކޯލްއާ އެއްގޮތަށް އެމީހުން ހޮސްޕިޓަލް ދޫކޮށްލައި ދެން އަމަލު ކުރާނެ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ދެ މީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު ކަރަންޓީނުކޮށް މޮނީޓާކުރުމަށްފަހު އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ދެން ފަރުވާދެމުންދާ މީހުން ވެސް ބަލިން ސަލާމަތްވާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށާއި ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ. މިހާރު ވެސް އޭގެ ތެރެއިން ބައެއް މީހުންގެ ފުރަތަމަ ސާމްޕަލް ނެގެޓިވްވެފައި އެބަހުރި ކަމަށާއި އިންތިޒާރު ކުރަމުން ދަނީ ދެވަނަ ސާމްޕަލްގެ ނަތީޖާއަށް ކަމަށެވެ.

މި ބަލިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތަބާވެ، އެއްބާރުލުން ރައްޔިތުންދެމުންދާތީ މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. މިކަމުން ސަލާމަތްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި ބަލި ރާއްޖޭގައި ފެތުރޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަދުން ރާއްޖޭގައި ބަލި ފެންނަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މި ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބަލިން މުޅި ގައުމު ސަލާމަތް ކުރުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާގެ ގައިގާ އެ ބަލި ހުއްޓާ ރާއްޖެ އެތެރެވެ، ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

ދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ޓޫރިސްޓަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ފަރާތުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.