ބޭރުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހު އެޗްޕީއޭއިން އަންގާފައިވަނީ ބައެއް ގައުމުތަކަކުން ފިޔަވައި، ރާއްޖޭން ބޭރުން އަންނަ ދިވެހިން 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށެވެ.
ނަމަވެސް، އެ އެންގުން ބާތިލުކޮށް، އެޗްޕީއޭއިން ރޭގެ އެންގި އެންގުމުގައި ވަނީ، ވައިގެ މަގުން އަންނަ މީހުންގެ ތެރެއިން ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަންޖެހޭނެ ކަމަށެވެ.
އޭގެ ތެރޭގައި ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ މީހުން ހިމެނެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
ނަމަވެސް، އޭގެ ތެރެއިން ދެ މީހަކު މިހާރު އެ ބަލިން ރަނގަޅުވެފައިވާކަމަށް ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.
އެތަނުން 70 އަހަރުގެ މީހާ ހާލު ދެރަވެގެން މި މަހުގެ 10 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. އެމީހާގެ ހާލު އޭރު ވެސް ދިޔައީ ދަށްވަމުންނެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ މީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ވެސް ހާމަކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ފަސް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.