ކޮވިޑް-19 އިގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެފައިވާތީ، ރާއްޖޭގެ އެންމެ ފެންވަރު މަތީ ބައެއް ރިސޯޓްތަކާއެކު 21 އަށްވުރެ ގިނަ ރިސޯޓު މިހާތަނަށް ބަންދު ކޮށްފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ގިނައިން ބަންދު ކޮށްފައި ވަނީ މާލެއާ ދުރު ހިސާބުތަކުގައި ހުންނަ ރިސޯޓު ތަކެވެ. މިގޮތުން އިއްޔެ ވަނީ ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓު ބަންދުކޮށްފަ އެވެ. ކޯސްޓް ލައިން ކުންފުނިން ހިންގާ އެ ރިސޯޓް ބަންދު ކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރަ ދޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ޓޫރިޒަމް ދަށްވެފައިވާތީ، ރާއްޖޭގެ އެންމެ ބޮޑު ދެ ޓޫރިޒަމް ވިޔަފާރިވެރިން ކަމަށްވާ ގާސިމް އިބްރާހިމާއި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ގާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓު ނޫން ހުރިހާ ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް 12 ޕަސެންޓު ދަށަށް ދާނެ އެވެ. މިއާއެކު ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ ރޭގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓާއި 21 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށްވާނެ ކަމަށް ބެލެވިފައިވެ އެވެ.
ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތި ވާނެ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ބުނެފައިވއެ އެވެ. ކުރިން ބެލިފައި އޮތީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް މިހާރުގެ ލަފާ ކުރެވޭ ގޮތުގައި އިގްތިސޯދީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ އެވެ.