ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޒުވާނުންނަށް ނުރައްކާ ކުޑައެއް ނޫން: ޑަބްލިޔުއެޗްއޯ

Mar 21, 2020

ދުނިޔޭގައި ހަލުއި މިނުގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ނުރައްކާ ޒުވާނުންނަށް ވެސް ކުޑަ ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ވެރިޔާ ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި އެ ބަލީގެ ނުރައްކާ އެންމެ ބޮޑު އުމުރުން ދުވަސް މީހުންގެ ހައްގުގައި، އެފަދަ މީހުނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ޒުވާނުން ވެސް ބޭރު ތެރެއަށް ނުކުމެ އުޅުން ހުއްޓާލަން ޖެހެ އެވެ.

އަދި ޒުވާނުން ކުރާ ކަންތައްތަކުން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ވެސް ޓެޑްރޯސް ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 250،000 އަށް ގާތް ކުރާއިރު، އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ނަމަވެސް، އެ ބަލީގެ ނުރައްކާ އެންމެ ބޮޑީ މުސްކުޅިންނަށް ކަމަށް ބުނާތީ، ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް ގިނަ ގައުމުތަކުގެ ޒުވާނުން ފަރުވާ ކުޑަކުރަމުންދާ ކަމުގެ ރިޕޯޓުތައް ފެތުރިފައި ވެއެވެ.

ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާއިން ކަމަށްވީ ނަމަވެސް، ބަލި ފެތުރޭ އެޕިސެންޓަރަކީ މިހާރު ޔޫރަޕު ކަމަށް ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން، އެ ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީގަ އެވެ. އެ ގައުމުގައި މަރުގެ އަދަދު 4،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް އެގައުމުގައި 627 މީހުން ވަނީ މަރުވެފަ އެވެ. މިއީ އެއް ދުވަހުގެ ތެރޭގައި އެއްވެސް ގައުމެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރެވެ.