މާލެ އާއި ވިލިމާލެ އާ ދެމެދު އާންމުކޮށް ދަތުރުކުރާ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭ ދޭން އެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
އެމްޓީސީ އިން މިއަދު ބުނީ އެގޮތަށް ނިންމީ ކޮވިޑް-19 އިގެ ތެރޭގައި އެހީތެރިވުމުގެ ގޮތުންނާއި ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
އަދި ބުނީ ފައިސާ ގެންގުޅޭ މިންވަރާއި ސިންގަލް ޓޯކަން މަދު ކުރަން މިއަދުން ފެށިގެން ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުކާޑު ދޭނީ ހިލޭ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން މާލެ އާއި ވިލިމާލެ އާއި ދެމެދު ދަތުރުކުރާ ފަރާތްތަކަށް ހިލޭ ދަތުރުކާޑު ދޭން ނިންމި އިރު މާލެ އާއި ހުޅުމާލެ އާއި ދެމެދު ވެސް އެ ކުންފުނިން ފެރީގެ ހިދުމަތްތައް ދެއެވެ. ނަމަވެސް އެ ދެމެދުގައި ދަތުރު ކުރާ މީހުންގެ ދަތުރުކާޑު ހިލޭ ކޮށްފައެއް ނުވެ އެވެ.