ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކަރަންޓީންގައި ތިބެންޖެހޭތީ ޗައިނާގައި ވަރި ގިނަވަނީ

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މިހާރު ވަނީ ދުނިޔޭގެ 170 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. މި ބަލީގެ ނުރައްކާ ބޮޑު ކަމުން ވަރަށް ގިނަ ގައުމުތަކުގެ އޮފީސްތަކާއި ކުންފުނިތަކުން އެ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އޮފީހަށް ނުގޮސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ. އަދި ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އަންނަ މީހުންނަށް 14 ދުވަހު ގޭގައި ކަރަންޓީނު ވެގެން ތިބުމަށް ވެސް ވަރަށް ގިނަ ގައުމުތަކުން ދަނީ އަންގަމުންނެވެ.

ދުވަހަކު ގޭގައި މަޑު ނުކުރާ ގިނަ ބަޔަކު ވެސް މިހާރު ގޭގައި އަރާމު ކުރަން ތިބެން ވަނީ މަޖްބޫރުވެފަ އެވެ. ނަމަވެސް މިއީ ޗައިނާގެ ރައްޔިތުންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން މިހާރު ދަނީ ސާބިތު ވަމުންނެވެ. އެ ގައުމުގައި ވަރީގެ ނިސްބަތް ކުއްލިއަކަށް މާ ބޮޑުތަން މައްޗަށް ދާތީ އެވެ.

މިއީ ދެމަފިރިން މާ ގިނަ ވަގުތު އެކުގައި ގޭގައި ހޭދަކުރަން ޖެހުމުން ދިމާވާ ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ނޫހަކުން ވަނީ ބުނެފަ އެވެ.

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ސިޗުއަން ޕްރޮވިންސްގެ ޑަޒޫކިޔާ ރަށެއްގެ ކައިވެނި ރަޖިސްޓްރީކުރާ މެނޭޖަރު ލޫ ޝިޖުން އާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި 300 ދެމަފިރިއަކު ވަނީ ވަރިވާން ބޭނުން ވެގެން އެޕޮއިންޓްމަންޓްތައް ޝެޑިއުލް ކޮށްފަ އެވެ. ވަރި މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޮރޯނާވައިރަސް އާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

ލޫ ކިޔައިދިން ގޮތުގައި މާ ގިނަ ވަގުތު ގޭތެރޭގައި ހޭދަ ކުރަން ޖެހުމުން ދެމަފިރިންގެ މެދުގައި ދެބަސްވެ އަރާރުންވުން މާ ގިނައީ އެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިން ވަރިވާން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަނީ އެވެ.

މިކަން މިގޮތަށް ދިމާވީ ލޫގެ ރަށުގައި އެކަންޏެއް ނޫނެވެ. ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ވެސް ވަރިވާން ބޭނުންވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޗައިނާގެ އޮފިޝަލުން ބުނެފައިވަނީ ގޭގެ ހަތަރު ފާރު އެތެރޭގައި ކަރަންޓީނު ވެގެން ގިނަ ދުވަސްތަކަކު ތިބެން ޖެހުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހޭލެއް ވަރަށް ބޮޑު އިތުރުވާ ކަމަށާއި މިގޮތަށް ހިނގާ ޒުވާބުތަކުގައި ވަރިއާ ހަމައަށް ގިނަ ބަޔަކު ދާ ކަމަށެވެ. ޗައިނާގެ 67000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައި ވެއެވެ. އަދި 3000 އަށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފަ އެވެ.