ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: ސެންޓާރާއިން ޝައްކު ކުރެވިގެން ދިވެއްސަކު ޓެސްޓްކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އދ. ސެންޓަރާ ގްރޭންޑް ރިސޯޓުން ދިވެއްސަކު ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އެ އެޖެންސީން މިހާރު އަމަލު ކުރަމުންދާ އުސޫލުން ދަށުން،
ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ލިބެން ދެން އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. ރާއްޖޭން އެ ވައިރަސް އަށް ޕޮޒިޓިވް ކަމަށް ފެނިފައި ވަނީ ހަތަރު ރިސޯޓެއްގައި ތިބި މީހުންތަކަށާއި ސަފާރީއެއްގައި ތިބި ދެ މީހަކަށެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދީ ރަނގަޅު ކުރެވިފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމުން ކޮންޓްރޯލް ކުރުމަށް ޓަކައި އެ ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖެއަށް ސަފާރީތަކާއި ޔޮޓްތަކާއި މެރީނާތައް އައުން ވެސް ވަނީ މަނާކޮށްފަ އެވެ. ރިސޯޓްތަކުން ރަށްރަށަށް މީހުން ދިއުން ވެސް މަނާކޮށްފައިވެ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީނު ކުރެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ. އަންނަ ބުރާސްފަތި ދުވަހަށް ސަރުކާރު ބަންދުކޮށް، ސްކޫލްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ސިނަމާތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.