ކޮވިޑް-19 އިން ދިފާއު ވުމަށް ތައްޔާރު ކޮށްފައިވާ ފުރަތަމަ ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ފަށައި ޓެސްޓަށް އިންސާނެއްގެ ގަޔަށް މި ވެކްސިން ޖަހައިފި އެވެ. އެމެރިކާގައި ތައްޔާރުކުރި މި ވެކްސިން ފުރަތަމަ ޖެހީ ސިއެޓެލްގައި ދިރިއުޅޭ 43 އަހަރުގެ ޖެނިފާ ހޯލާއަށް ކަމަށް އިނގިރޭސި ވިލާތުގެ ނޫހަކުން ވަނީ ބުނެފަ އެވެ. ޖެނިފާއަކީ ދެ ކުދިންގެ މަންމަ އެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މާޗް 16 ވަނަ ދުވަހު ޖެނިފާގެ ގަޔަށް ދެ އިންޖެކްޝަނެއް ވަނީ ޖަހާފަ އެވެ. މި މެޑިކަލް ޓްރަޔަލް ކުރިޔަށް ދަނީ ސީއެޓެލްގައި ހުންނަ ކެއިސާ ޕާމަނެންޓޭ ވޮޝިންޓަން ހެލްތު ރިސާޗް އިންސްޓިޓިއުޓްގައި ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
ޖެނިފާގެ އިތުރުން ވެސް ސިއްހަތު ރަނގަޅު 45 މީހަކު މި ޓްރަޔަލްގެ ފުރަތަމަ ފޭސްގައި ބައިވެރިވެ އެވެ. ނެޝަނަލް އިންސްޓިޓީއުޓްސް އޮފް ހެލްތުން ފަންޑުކޮށްގެން ކުރިޔަށް ގެންދާ މި ޓްރަޔަލްގެ މަސައްކަތް ކުރިޔަށް ގެންދަނީ މޮޑާނާ ކިޔާ ބައިޓެކް ކުންފުންޏަކާ ގުޅިގެންނެވެ.
މި ޓްރަޔަލްގައި އާ ކޮރޯނާވައިރަސްގެ ޖެނެޓިކް ސީކުއެންސް އާއި އިންޖިނިއާޑް ވެކްސިން އެމްއާރްއެންއޭ-1273 ބޭނުންކުރެ އެވެ.
އޭޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއު އެއްގައި ޖެނިފާ ބުނެފައިވާ ގޮތުގައި މި ބަލި ފެތުރެމުންދާ ބާރުމިނާއި މީގެ ނުރައްކާ ބޮޑުކަމުން އޭނާ ވެސް އަދި ދުނިޔޭގެ އެންމެން ވެސް މިހާރު ތިބީ ހަދާނެގޮތް ހުސްވެފަ އެވެ. އެހެންވެ އިންސާނިއްޔަތަށް ޚިދުމަތް ކޮށްދޭން ލިބުނު މި ރަނުގެ ފުރުސަތުގެ ބޭނުން އޭނާ ހިފީ އެވެ.
ޖެނިފާ މި ސްޓަޑީގައި ބައިވެރިވުން އޭނާގެ ދެ ކުދިން ވެސް ދެކެނީ ވަރަށް ކޫލް ކަމެއްގެ ގޮތުގައި ކަމަށް ޖެނިފާ ބުންޏެވެ. އޭނާ ބުނީ އޭނާއަށް މި ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ މީގެ ދެ ހަފުތާ ކުރިންނެވެ.
"އެމީހުން ވޮލަންޓިއަރުން ހޯދަން އިއުލާން ކުރީ މީގެ ދެ ހަފުތާ ކުރިން. އަހަރެންގެ ރައްޓެއްސަކު އެ އެނައުންސްމަންޓް ފޭސްބުކްގައި ޝެއާކޮށްފަ އިނީ. އަހަރެން އަވަސް އަވަހަށް ފޯމު ފުރާފައި ފޮނުވީ. ޖެހިގެން އައި ދުވަހު އަހަންނަށް ފޯނުކޮށްފައި އެމީހުން އަހަރެންގެ ހެލްތު ހިސްޓްރީ ހޯދައި އެ ރިވިއުކުރި،" ޖެނިފާ ކިޔައިދިނެވެ.
މިހާރު އުފެއްދުމުގެ މަގުމަތީގައިވާ ވެކްސިނަކީ ހަމައެކަނި ޖެނިފާގެ ގަޔަށް ޖެހި އެމްއާރްއެންއޭ-1273 އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ޑަޒަނެއްހާ ރިސާޗްގެ މަސައްކަތް ސައިންސްވެރިންގެ ގްރޫޕްތަކުން ކުރަމުން އެބަދެ އެވެ. އެގޮތުން އެމެރިކާ އާއި ޗައިނާ އަދި ސައުތު ކޮރެޔާގައި ވެސް ވެކްސިން ތައްޔާޜުކޮށް ޓެސްޓްކުރަން ފަށަން ދަނީ ތައްޔާރު ވަމުންނެވެ.
ސީއެޓެލްގެ އެކްސްޕެރިމެންޓް ފަށާފައިވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރުމާ ގުޅިގެންނެވެ. މިހާތަނަށް މި ބަލި ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 8000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.