ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަދާރަން ކުލަބް ރިސޯޓުން ވެސް ދިވެއްސަކު ޓެސްޓް ކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކ. އަދާރަން ކްލަބް ރަންނާޅި ރިސޯޓުގައި ހުރި ދިވެއްސަކު ވެސް އެ ވައިރަސްއަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން،
ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

އޭނާ މި ވަގުތު ހުރީ ގޭގައި އެކަހެރިކޮށްފައި ކަމަށާއި، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދާރަން ކްލަބް ރަންނާޅި ރިސޯޓްގެ އިތުރުން، އދ. ސެންޓާރާ ގްރޭންޑް ރިސޯޓުގައި ހުރި ދިވެއްސަކު ވެސް ޝައްކު ކުރެވިގެން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ ރިސޯޓު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންތަކަކާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިހާތަނަށް ޓެސްޓް ކުރި އެއްވެސް ދިވެއްސަކު އަދި އެ ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ޕޮޒިޓިވްވި މީހުންގެ ދެ މީހަކަށް ފަރުވާދީ ރަނގަޅު ކުރެވިފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.