ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭޑީކޭގައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގައި ހަރުކޮށްފައި ހުންނަ ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ މާސްކް އަޅައިގެން ހުރި މީހަކު އެ ހޮސްޕިޓަލުގައި ހަރުކޮށްފައި ހުރި ފުޅިތަކެއް ވަގަށް ނަގައި ދަބަހަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ލައިފަ އެވެ.

އޭޑީކޭއިން ބުނީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ސެނިޓައިޒާ ފުޅިތައް ހަރުކޮށްފައި ހުންނަނަނީ އެ ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ ހުރިހާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަކަށެވެ. މި ދުވަސްވަރު ސެނެޓައިޒާ ލިބުމުގައި ދަތިތަކެއް އުޅުނު ކަމަށް ވިޔަސް ހޮސްޕިޓަލުތަކުން އެ ތަކެތި ވަގަށް ނެގުން ފަދަ ދަށު ދަރައިގެ ކަންކަން ނުކުރުމަށް އެދޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ރާއްޖޭން ފެންނަން ފެށި ފަހުން، ފިހާރަތަކުންނާއި ފާމަސީތަކުން ސެނެޓައިޒާ ފަދަ ތަކެތި ލިބުން ވަނީ ދަތިވެފަ އެވެ. އެ ތަކެއްޗަށް ޑިމާންޑު ބޮޑުވުމުން ބައެއް ތަންތަނުން އަގުބޮޑުކޮށް އެ ތަކެތި ވިއްކަމުންދާ ކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ.

ސަރުކާރުން ވަނީ ބަލި މީހުން ބޭނުން ކުރުމަށްޓަކައި އެ ތަކެތި ބެހެއްޓުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް ފިހާރަތަކުން ގިނަ އަދަދެއްގެ މީހުން އަދިވެސް ސެނެޓައިޒާ މާސްކް ގެންދަނީ ގަނެ ރައްކާ ކުރަމުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހަކާއި، ސަފާރީއެއްގައި ތިބި ދެ މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި ދެ މީހަކު ވަނީ ފަރުވާދީގެން ރަނގަޅު ކުރެވިފަ އެވެ. އެއީ އއ. ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.