ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު މީހަކު ރަނގަޅުވެއްޖެ

ރާއްޖޭގައި އިތުރު މީހަކު ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެ އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި ތިންވަނަ މީހާ އެވެ.

މިފަހަރު ބަލިން ރަނގަޅުވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހެކެވެ. އޭނާ މިހާރު ވަނީ ކޮވިޑް-19އަށް ޑަބަލް ނެގެޓިވްވެފަ ކަމަށް ސަރުކާރުން މިއަދު ހާމަކުރި އެވެ. އެހެންވެ، އޭނާއާ މެދު ދެން އަމަލުކުރާނެ ގޮތްތައް ހަމަޖައްސަމުންދާ ކަމަށް ސަރުކާރުން ބުންޏެވެ. މިހާރު ވެސް އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި އޭނާ އެއްކޮށް ދޫކޮށްލާނީ 14 ދުވަހުގެ ކަރަންޓީނަކަށްފަހު އެވެ.

ރޭ ވެސް ދެ މީހަކު ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ހާމަކުރި އެވެ. އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ. ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. އެ ދެ މީހުން ވެސް ވަނީ ޑަބަލް ނެގެޓިވްވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާގެ ގައިގާ އެ ބަލި ހުއްޓާ ރާއްޖެ އެތެރެވެ، ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

ދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ޓޫރިސްޓަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ފަރާތުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.