ކުޑަބަނޑޮހާއި، ވިލާގެ ހޮލިޑޭ އައިލެންޑް ރިސޯޓްގެ އިތުރުން އެހެން ދެ ރިސޯޓެއް މީހުން ކަރަންޓީނު ކުރާ ރަށްތަކެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ކުޑަބަނޑޮހާއި ހޮލިޑޭގެ އިތުރުން ދެން ހަމަޖައްސާފައިވާ ދެ ރިސޯޓަކީ ދިއްގިރި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓެވެ. މީގެކުރިން ވެލިދޫ، ވެލިވަރު އަދި ފަން އައިލެންޑް ރިސޯޓް އޮތީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި މި ރިސޯޓްތައް ދޫކޮށްފައިވަނީ ސަރުކާރުން އެއްވެސް ކުއްޔަށް ދައްކަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އެއީ އެ ރިސޯޓްތައް ހިންގާ ފަރާތްތަކުން ގައުމުގެ ހާލަތަށް ބެލުމަށްފަހު ސަރުކާރަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފަ އެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެ އެވެ. އެ އަދަދަށް ކޮޓަރި ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.