ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަސައްކަތް ކުރަނީ ދިވެހިންނަށް ލުއިގޮތްތައް ހޯދާދޭން: ފޮރިން މިނިސްޓްރީ

ބޭރު ގައުމުތަކުގައި ތިބި ދިވެހިންނާއި، އަދި ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމަށް، ފޮރިން މިނިސްޓްރީއާ، ބޭރު ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިވަގުތު ބޭރު ގައުމުތަކުގައި ދިރިއުޅުމާއި، އެ ގައުމުތަކުން ދަތުރު ކުރުމުގައި އަދި އެ ގައުމުތަކަށް ދިޔުމުގައި ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަކޮށް މިފަދަ ދަތިތަކާ ގުޅޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

"އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ބައެއް ކަހަލަ ދަތިތައް ދިމާވާނެކަން އެންމެންވެސް ގަބޫލުކުރާނެކަން މި މިނިސްޓްރީން ޔަގީންކުރަން." އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ފޮރިން މިނިސްޓްރީ އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ގައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.