ބޭރު ކުޅިވަރު

އެންމެ މުސާރަބޮޑީ މެސީ އާއި ރޮނާލްޑޯ، އެންމެ ބޮޑު ބަޖެޓް ރެއާލްގައި

Sep 9, 2015

ސްޕެނިޝް ލީގުގައި އެންމެ ގިނަ އާމްދަނީ ލިބޭ ދެ ކުޅުންތެރިންނަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އެންމެ ބޮޑު ބަޖެޓެއް އޮތީ ރެއާލްގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަށް އަހަރަކު އާމްދަނީގެ ގޮތުގައި 20 މިލިއަން ޔޫރޯ ލިބެ އެވެ. މި ދެ ކުޅުންތެރިންގެ ފަހަތުން ތިން ވަނާގައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް އެވެ.

އޭނާ އަށް 12 މިލިއަން ޔޫރޯ ލިބޭއިރު ބާސެލޯނާގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް އަށް ލިބެނީ 10 މިލިއަން ޔޫރޯ އެވެ. ލިސްޓުގެ ފަސް ވަނާގައިވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އޭނާ އަށް ވެސް 10 މިލިއަން ޔޫރޯ ލިބޭއިރު ހަ ވަނާގައިވަނީ 8.8 މިލިއަން ޔޫރޯ ލިބޭ ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އެވެ. ނަމަވެސް މި އަހަރު ނިމުމުން އޭނާ އަށް ބާސެލޯނާއިން ދޭ ކޮންޓްރެކްޓާއެކު މި ލިސްޓުގެ ތިން ވަނަ އަށް ނޭމާ ޖެހިލާނެ އެވެ.

އެންމެ ގިނަ އާމްދަނީ ލިބޭ ހަތް ވަނަ ކުޅުންތެރިއަކީ 8 މިލިއަން ޔޫރޯ ލިބޭ ރެއާލްގެ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އެވެ. އޭގެ ފަހުން ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެވެ. އޭނާ އަށް އަހަރަކު 7.5 މިލިއަން ޔޫރޯގެ އާމްދަނީ އެއް ލިބޭއިރު ބާސެލޯނާގެ އިވާން ރަކިޓިކާއި ރެއާލްގެ ޓޯނީ ކުރޫސް އަށް އަހަރަކު ލިބެނީ 7 މިލިއަން ޔޫރޯ އެވެ.

ލީގުގައި ވާދަކުރާ 20 ކުލަބުގެ ތެރެއިން ރެއާލްގެ މިދިޔަ ސީޒަނުގެ ބަޖެޓަކީ 530 މިލިއަން ޔޫރޯ އެވެ. ބާސެލޯނާގެ ބަޖެޓަކީ 510 މިލިއަން ޔޫރޯ އެވެ. ޔޫރޮޕާ ލީގު ކާމިޔާބު ކުރި ސެވިއްޔާގެ ބަޖެޓަކީ 99.7 މިލިއަން ޔޫރޯ އެވެ. މަޝްހޫރު އެތްލެޓިކޯ މެޑްރިޑުގެ ބަޖެޓަކީ 170 މިލިއަން ޔޫރޯ އެވެ. ވެލެންސިއާގެ ބަޖެޓަކީ 89 މިލިއަން ޔޫރޯ އެވެ.