ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ލާބައަށް އަޅާ ފިޔަވަޅެއް: މާރިޔާ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ކޮންމެ ފިޔަވަޅަކީވެސް ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅުތަކެއް ކަމަށާ އެހެން ކަމުން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް މުޅި ސަރުކާރު އެކަތިގަނޑެއްހެން މަސައްކަތް ކުރަމުން އަންނަ ކަމަށާ ވަރަށް ގިނަ ވުޒާރާތައް ގުޅިގެން ސަރުކާރުން އަޅަމުންދާ ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންގެ ލާބައާ މަންފާއަށް އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން މިހާރު ވަގުތުން ގެންދަނީ ކަރަންޓީން ފެސިލިޓީއަށް ކަން ފާހަގަކުރައްވާ ކަރަންޓީގައި ކޮންމެ މީހަކުވެސް 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެއީ ދަތި އުނދަގޫކަމެއް ކަމަށާ މިވަގުތު ކަރަންޓީގަިއ ތިބި މީހުންގެ ކެތްތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ދިވެހިން މި ގެންދަން ޖެހެނީ ކަރަންޓީން ފެސިލިޓީއަށް. އެ ބޭފުޅުން އެތާ 14 ދުވަސް ހޭދަކުރައްވާނެ. އަދި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް އެއީއެތަަނަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީ ކޮންމެހެން އެންމެ އަރާމުގައި ފައިވްސްޓާ ފެސިލިޓީއެއްގަައެއް ނޫން. ކިތަންމެ ދަތިތަކެއް އެ ބޭފުޅުން ތަހަންމަލްކުރައްވާނެ."

މިނިސްޓަރު މާރިޔާ ވަނީ ބިރުވެރި އަދި ނާޒުކު މިވަގުތު ގައުމާއި ރައްޔިތުންގެ ސަލާމަތަށް މަސައްކަތް ކުރަމުންދާ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މުއައްސަސާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންގެ ގުރުބާނީގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހެއް މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި ފަސް މީހަކަށް ބަލި ޖެހުނެވެ. ކުރެއްދޫ ރިސޯޓަށް ކޮވިޑް-19 ފެތުރުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާގެ ގައިގާ އެ ބަލި ހުއްޓާ ރާއްޖެ އެތެރެވެ، ރާއްޖެއިން ފުރައިގެން ދިޔަ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

ދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓުންގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ޓޫރިސްޓަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ފަރާތުންނެވެ.