ކޮވިޑް19 ގެ ސަަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އިކޮނޮމިކް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިދަނޑިވަޅުގައި ރާއްޖޭގެ ފަތުުރުވެރިކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް-ފްލޯ ފައިނޭސިން ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާ ކަމަށެވެ.
ކޮވިޑް19 ގެ ސަަބަބުން ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ މުސާރައާ އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ ބަދަލެއް އައިސްފައިވާނަމަ އިކޮނޮމިކް މިނިސްޓްރީއިން ގާއިމްކޮށްފައިވާ ޖޮބް-ސެންޓަރުގައި ރިޕޯޓްކޮށް އެ މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭސް މިނިސްޓަރާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ މި ބައްދަލްވުމުގައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރްފްކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ ވިޔަފާރިވެރިންނާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވަގުތު ކަމަށެވެ. ސަރުކާރުން އޮތީ ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށާ ތައާރަފް ކުރެވުނު 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަކީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ފޯރުކޮށްދޭ އެހީ ހެޔޮގޮތުގައި ބޭނުންކުރެވިއްޖެނަމަ މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޮޑު އެހީތެރިކަމަށްވާނެ ކަމަށެވެ. އަދި މިއީ ވަޒީފާތައް ރައްކާތެރިކޮށްދޭންޖެހޭ ވަގުތުކަން ފާހަގަކުރައްވާ ދިވެހިންގެ ވަޒީފާތައް މަދުނުކޮށް ކުރިއަށްދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ދިނުމުގައި ބަލާނެ އެންމެ ބޮޑު ކަމަކީ ދިވެހިން ވަޒީފާތަކުން ވަކިނުކުރުން ކަމަށެވެ. އެހެން ކަމުން ދިވެހިން އަދާކުރަމުންދާ ވަޒީފާތަކުން އެމީހުން ވަކިނުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
އަދި އިކޮނޮމިކް ޕެކޭޖް ނުނަގާ ވިޔަފާރިތަކުން ދިވެއްސަކު ވަޒީފާއިން ވަކިކޮށްފިނަމަ އެމީހަކަށް ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ފުރުސަތުދޭ ދިނުމުގައި ބަލާ އެންމެ ބޮޑު މިންގަނޑަކީ ދިވެހިން ވަޒީފާއިން ވަކިނުކުރުން އިނގޭތޯ. އެކަން އަޅުގަނޑުމެން ބަލަމުންދާނަން މި ފެސިލިޓީ އަޅުގަނޑުމެން ފޯރުކޮށްދޭ ފަރާތްތަކަށް. ދެން މިހެން ދެންނެވިޔަސް ކޮންމެވެސް ވަރަކަށް ފެސިލިޓީއެއް ނުނަންގަވާ ބޭފުޅުންވެސް ތިބަވާފާނެ ވިޔަފާރިވެރިންގެ ތެރޭގައި، އެއަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދާނެ އިރާދަކުރެއްވިއްޔާ. އެފަދަ ވަޒީފާތައް ގެއްލޭ ފަރާތްތަކަށް ޓްރެއިން ފޯރުކޮށްދީގެން އަލުން ވަޒީފާގެ މާކެޓަށް ނެރުމާ އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ކުރާނަން." ފައްޔާޒް ވިދާޅުވިއެވެ.