ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ރާއްޖެ ނާދެވިފައިތިބި ދިވެހިންނަށް އެހީތެރިވެދޭނެ: ޝާހިދު

ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައިތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު 16 ގައުމެއްގައި ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަން ވަނީ ގާއިމްކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީއިން ވަނީ ބޭރުގައި ދިރިއުޅޭ ދިވެހިން އެބަޔަކު ތިބި ގައުމެއްގައި ހުންނަ ނުވަތަ އެ ގައުމަކާ އެންމެ ކައިރީގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓްރީވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްއިން ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލުމުން އެ ގައުމުތަކުގައި ތިބި ބައެއް ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތި، އެއާޕޯޓްތަކުގައި ގިނަ ވަގުތުތަކެއް ވަންދެން ތިބެން ވަނީ ޖެހިފައެވެ.

އާސަންދައިން މިރޭ ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ހަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާގައި ތިބި ބައެއް ދިވެހިން ބުނީ މިއަދު އެއާޕޯޓަށް ފުރަން ދިޔައީ މޯލްޑިވިއަންއިން ރާއްޖެ އާދެވޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް ފްލައިޓް ކެންސަލް ކުރުމުން އެއާޕޯޓްގައި ތާށިވެފައި ތިބެން ޖެހުނު ކަމަށެވެ.

މީގެ އިތުރުން ހިފާފައިވާ ކޮޓަރިތައް ދޫކޮށްލުމުން ގޮތެއްނެތި އެއާޕޯޓްގައި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުނު ކަމަށްވެސް ވަނީ ބުނެފައެވެ.