ދިހަ ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ 10 ރިސޯޓްގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްގެ އެނދުތައް ވެސް ކަރަންޓީން ފެސިލިޓީއަށް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރާ ދިހަ ރިސޯޓަކީ ވިލިވަރާއި ބިޔާދޫ އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި މަލަހިނި ކުޑަބަނޑޮހާއި އެނބޫދޫ ވިލެޖާއި ވަރު ބައި އެޓޮމޮސްފިއާ އާއި ވެލިދޫ އައިލެންޑާއި ދިއްގިރި އަދި ރޯޔަލް އައިލެންޑެވެ.
މި ރިސޯޓްތަކުން 1158 ކޮޓަރީގައިވާ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މި ހާލަތުގައި ޓޫރިޒަމް ދާއިރާއިން ރައްޔިތުންނަށް ވެދިން އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ކަރަންޓީން ފެސިލިޓީތަކަށް ޓޫރިޒަމް މިނިސްޓްރީ ފަރާތުން ފޯކަލް ޕޮއިންޓްތަކެއް ހަމަޖައްސާ، އެ ބޭފުޅުންނާ އަދި އެ ބޭފުޅުންނާ ގުޅޭނެ ނަންބަރުތައް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ މިނިސްޓްރީން ވަނީ ފެސިލިޓީތަކުގައިވާ މީހުންގެ އާއިލާތަކުން އެއްވެސް ކަމަކާ ގުޅަން ބޭނުންވެއްޖެނަމަ ފޯކަލް ޕޮއިންޓާ ގުޅުމަށް އެދިފަ އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފަ އެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެ އެވެ. އެ އަދަދަށް ކޮޓަރި ހަމަ ކުރަން ޓޫރިޒަމް މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަތް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.