ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހު ނުބޭއްވޭނެ ކަމަށާ އެހެން ކަމުން އެކަމަށް ހައްލެއް ހޯދަން މަޖިލީހުން އެދިފައިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ޑްރާފްޓްކޮށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު އަވަސް އަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ސަބަބުން އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރީ އެއީ ކޮމިޝަނަށް އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހު ތާރީހަށްވުމުންނެވެ.
އެ ތާރީހަށް ވެސް އިންތިހާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން ނެތުމުން، އިންތިހާބު ފަސް ކޮށްދޭން އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސާލާގައި ބޮޑެތި ދުސްތޫރީ މައްސަލަތަކެއް ވެސް ހިމެނޭތީ، ހައި ކޯޓުން ވެސް މައްސަލަ ނަގައި ފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
ނަމަވެސް އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ގިނަ މެންބަރުންނަށް ފެނިވަޑައިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށައެޅީ އެވެ. އެކަމާ ގުޅިގެން މަޖިލީހުން އަދި ގޮތްތަކެއް ނުނިންމައެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ފަސް ކުރުމާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންނާއެކު ކުރެވުނު މަޝްވަރާތަކުގައި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހެއް ހުށައެޅުމަށް މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ބަދަލުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އިއުލާނު ކުރާތާ ފަސް ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ޑްރާފްޓެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އާއެކު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކައުންސިލް އިންތިހާބަށް ކޮމިޝަނުން ވަމުންދިޔަ ގިނަ ތައްޔާރީތައް ހުއްޓާލާފައިވާ ކަމަށެވެ. ހާއްސަކޮށް އޮފިޝަލުން ތަމްރީން ކުރުން ފަދަ މުހިންމު މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކޮމިޝަންގެ ވިސްނުމަކީ އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބޭއްވުމަކީ މުސްތަހީލު ކަމެކޭ، ނުކުރެވޭނެ ކަމެކޭ. އެހެންވީމަ މަޖިލީހުން އެދިފައިވާ ގޮތަށް އިސްލާހެއް މިހާރު މިވަނީ ޑްރާފްޓްކުރެވިފައި އަދި އޭޖީ އޮފީހުންވެސް އެފަދަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވަނީ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދާދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން އެ ޔަގީންކަމާ އެއްގޮތަށް މަޖިލީހުން ނިންމުންތަކެއް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.