ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ވެސް ކާފިއު ހިންގައިފި

Mar 22, 2020

ނިއުދިއްލީ (މާޗް 22) - ކޮވިޑް-19 ފެތުރުމާ ދެކޮޅަށް، އިންޑިއާގެ އެއް ބިލިއަނަށްވުރެ ގިނަ މީހުނަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އެ ގައުމުގައި ވެސް މިއަދު ކާފިއު ހިންގައިފި އެވެ.

ސާދަ ގަޑިއިރުގެ ކާފިއުއެއް ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނު ކުރައްވާފައި ވަނީ، އެ ވައިރަހާ ދެކޮޅަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް މަސައްކަތް ކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ކަމަށް އެމަނިކުފާނު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.

އެންމެން ގޭގައި ތިބުމަށް އިލްތިމާސްކޮށް، ކާފިއު އިއުލާނު ކޮށްފައި ވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 7:00 އިން ރޭގަނޑު 9:00 ގެ ނިޔަލަށެވެ.

މިހާތަނަށް އެ ބަލި ޖެހުނު 315 މީހަކު އިންޑިއާއިން ފެނިފައިވާއިރު، ކާފިއުއާއެކު އިންޑިއާގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އާއްމު ގޮތެއްގައި އަބަދުވެސް ވަރަށް ބާރު ބޮޑުކޮށް ފެންނަ ރޭލު އަދި ބަސް ސްޓޭޝަންތަކުގެ އިތުރުން މަގުތައް ވެސް ފަޅުފެއިވާ މަންޒަރުތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވެއެވެ.

ކާބޯތަކެއްޗާއި ބޭސް ފިހާރަތައް ނޫނީ ގިނަ ވިޔަފާރިތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ހާއްސަކޮށް ޓޫރިސްޓުންގެ މެދުގައި މަގުބޫލު، ތާޖު މަހަލް ފަދަ ބިނާތަކާއި ދާރުލްއާސާރުތައް މިހާރު ބަންދު ކޮށްފައިވާއިރު، އިންޑިއާއިން ވެސް ވަނީ ގިނަ ގައުމުތަކަކުން މީހުން އެތެރެވުން މަނާކޮށް، އެންޓްރީ ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.