ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީގައި ތިބި މީހުންގެ ތަފާތު ޝުއޫރުތައް!

ދުނިޔެެއަށް ފެތުރިގެންފައިވާ ބަލާއާފާތް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވެސް މިހާތަނަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެ ފިޔަވަޅުތައް ދުވަހެއް ވިއްޔާ ދުވަހަކަށް ދަނީ އިތުރުކޮށް ވަރުގަދަ ވެސް ކުރަމުންނެވެ.

ކޮރޯނާ ވައިރަހުގެ އަސަރު ބޮޑަށް ފެތުރިފައިވާ ގައުމުތަކުން ރާއްޖެއަށް މީހުން ދަތުރުކުރުން މުޅީން މަނަ އެވެ. "ދުނިޔެމަތީގެ ސުވަރުގެ" ތަކުގެ ގޮތުގައި މަޝްހޫރު ވެފައިވާ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރިސޯޓްތައް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުން މުޅީންމެ މަނަ އެވެ. ރިސޯޓްތަކުން މީހުން އުޅޭ ރަށް ރަށަށް އަދި ރަށްތަކުން ރިސޯޓްތަކަށް ދަތުރުކުރުން ވެސް މަނަ އެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ފިޔަަވަޅުތައް އަޅަމުން ގޮސް މާލޭއާ ހުޅުމާލެ އަދި ވިލިމާލެ އާއި ރިސޯޓްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. ކެއިން ބުއިމުގެ ހިދުމަތްދޭ ހުރިހާ ތަނެއް ރޭގެ މެންދަމުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. އަދި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަސް ވަންދެން ކަރަންޓީން ކުރެ އެވެ.

އެފަދަ މީހުން ކަރަންޓީން ކުރުމަށް 10 ރިސޯޓެއްގެ 2000 ވުރެ ގިނަ އެނދު މިހާރު ވަނީ ތައްޔާރީ ހާލަތުގަ އެވެ. މިހާރުވެސް އެ ރިސޯޓްތަކުގައި އެތައް ދިވެހިންނެއް ވަނީ ކަރަންޓީން ކޮށްފައި ވެއެވެ. އެތަންތާނގައި ކަރަންޓީނު ވެގެން ތިބެ ސޯޝަލް މީޑިއާއާ އެ ނޫން ބައެއް ވަސީލަތްތައް މެދުވެރިކޮށް އެފަދަ މީހުން ގެންދަނީ އެ މީހުންގެ ޝުއޫރުތައް ވެސް ފާޅު ކުރަމުންނެވެ.

ކަރަންޓީން ކޮށްފައިވާ ބައެއް މީހުން ވަނީ އެމީހުންނާ ދޭތެރޭ އަމަލު ކުރަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ވެސް ފާޅުކޮށްފަ އެވެ. އެގޮތުން އެ މީހުން ކަރަންޓީން ކޮށްފައިވާ ތަންތަނުގެ ރީތި ކަމާއި، ހިތްގައިމުކަން ވެސް ހިއްސާ ކުރެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސާފައިވާ އިންތިޒާމުތައް ފުރިހަމަކަން ވެސް އޭގެ ބައެއް މީހުން ފާހަގަކޮށްފައި ވެއެވެ. ކަރަންޓީނުގައި ހުންނަ އިރު ކެއިން ބުއިމުގެ ކަންކަން ވެސް ބަރާބަރަށް އިންތިޒާމް ކުރެވިފައިވާ ކަމަށް ބައެއް މީހުން ހިއްސާކޮށްފައި ވެއެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރާ 10 ރިސޯޓަކީ ވިލިވަރާއި ބިޔާދޫ އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި މަލަހިނި ކުޑަބަނޑޮހާއި އެނބޫދޫ ވިލެޖާއި ވަރު ބައި އެޓޮމޮސްފިއާ އާއި ވެލިދޫ އައިލެންޑާއި ދިއްގިރި އަދި ރޯޔަލް އައިލެންޑެވެ.

މި ރިސޯޓްތަކުން 1158 ކޮޓަރީގައިވާ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މީހުންގެ ވާހަކަތައް މިގޮތަށް ހުރި ނަމަވެސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް އެހެން މީހުން ވަނީ އެމީހުންނާ ދޭތެރޭ ކަންކުރެވޭ ގޮތާމެދު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

ކުޑަބަނޑޮހުގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު އަވަސްއާ ވާހަކަދައްކަމުން ބުނީ އެތަނުގެ އިންތިޒާމްތައް ވަރަށް ދެރަ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރީ ކެއުމުގެ ކަންތަކެވެ. އޭނާއަކީ ހަކުރު އަދި ލޭގެ ކަންތައް ހުންނަ މީހަކަށް ވީއިރު، ކެއުމަށް ގެންނަނީ ސިއްހަތަށް ފައިދާ ހުރި ބާވަތްތަކުގެ ކާނާ ނޫން ކަމަށް އޭނާ ބުންޏެވެ.

"ރެއިން ފެށިގެން އަދި މުޅިންވެސް މި ލިބެނީ އަޅުގަނޑުގެ ސިއްހަތާ ނުގުޅޭ އެއްޗެެހި. މޮޅު އެއްޗެހިތަކެއް ބޭނުން ވެގެނެއް ނޫން. ނަމަވެސް ހަކުރާއި ލޭގެ މައްސަލަ ހުންނަ މީހުންނަށް ހުސް ބަތްގަނޑެއް ދީގެން ކިހިނެތްތޯ އެ ކާނީ." ކަރަންޓީން ފެސިލިޓީގައި ހުރި މައްސަލަތައް ފާހަގަކޮށް އޭނާ ބުންޏެވެ.

މީގެ އިތުުރުން އިންތިޒާމްތައް ދަށްކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ރޭ އެއާޕޯޓުން މިތަނަށް މި ގެނައީ. އަދި ނޭންގެ ވާންވީ ގޮތެއް، ގެނެސް މި ކޮޓަރިއަށްލީ ފަހުން އަދި މީހަކު ނުފެނޭ ވާންވީ ގޮތެއް ބުނެދޭން ވެސް އެހެން ވެގެން ނުވާނެ ނޫންތޯ؟ މިއީ ކުށެއް ކޮށްގެން ގެނައި ތަނެއް ނޫން އަދި އަލާމާތެއް ހުރެގެން ވެސް ގެނައީއެއް ނޫން. އެހެންވީމަ މި ލެވެލްގައި ޓްރީޓް ކުރެވިގެން ނުވާނެ،"

ފަންއައިލެންޑްގައި ހުރި ދިވެހި އަންހެނަކުވެސް ވަނީ އެކަންބޮޑުވުން ފާޅުކޮށްފައެވެ. މެލޭޝިއާގައި ކިޔަވަމުންދާ އެ އަންހެން މީހާ ރާއްޖެ އައުމާއެކު ކަރަންޓީންއަށް ގެންދެވުނީ ފަންއައިލެންޑަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވަނީ ކަރަންޓީ ފެސިލީޓީތަކުގައި ތިބި މީހުން ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވެ އެ ފަރާތްތަކަށް ތައުރީފު ކުރައްވާފަ އެވެ.

"ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ދިވެހިން މި ގެންދަން ޖެހެނީ ކަރަންޓީން ފެސިލިޓީއަށް. އެ ބޭފުޅުން އެތާ 14 ދުވަސް ހޭދަކުރައްވާނެ. އަދި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް އެއީއެތަަނަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީ ކޮންމެހެން އެންމެ އަރާމުގައި ފައިވްސްޓާ ފެސިލިޓީއެއްގަައެއް ނޫން. ކިތަންމެ ދަތިތަކެއް އެ ބޭފުޅުން ތަހަންމަލް ކުރައްވާނެ." މިނިސްޓަރު ވިދާޅުވި އެވެ.