ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ކަރަންޓީން ކޮށްފި އެވެ.
އެމަނިކުފާނު ކަރަންޓީން ކޮށްފައި ވަނީ ތައިލެންޑުގައި ހުންނެވުމަށް ފަހު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުންނެވެ. ޖިހާދު ހުންނެވީ މަލަހިނި ކުޑަބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.
އެ މަނިކުފާނު ވަނީ އެކަން އަވަސްއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ކަރަންޓީނުގައި ހުންނަވައިގެން ޖިހާދު މިއަދު ވިދާޅުވީ ރޭ ރާއްޖެ ވަޑައިގަތުމުން ކަރަންޓީނަށް ކުޑަބަނޑޮހަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތާނގައި ހުރި ދަތިތައް ކަމާބެހޭ ބޭފުޅުންނާ ހިއްސާ ކުރައްވާފައި ވާނެ ކަމަށެވެ. އެކަންކަން ހައްލު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަންގާފައިވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފަ އެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެ އެވެ. އެ އަދަދަށް ކޮޓަރި ހަމަ ކުރަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 10 ރިސޯޓްގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްގެ އެނދުތައް ވެސް ކަރަންޓީން ފެސިލިޓީއަށް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރާ 10 ރިސޯޓަކީ ވިލިވަރާއި ބިޔާދޫ އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި މަލަހިނި ކުޑަބަނޑޮހާއި އެނބޫދޫ ވިލެޖާއި ވަރު ބައި އެޓޮމޮސްފިއާ އާއި ވެލިދޫ އައިލެންޑާއި ދިއްގިރި އަދި ރޯޔަލް އައިލެންޑެވެ.
މި ރިސޯޓްތަކުން 1158 ކޮޓަރީގައިވާ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.