އަނަންތާރާ ދިގު ރިސޯޓްގެ އިތުރު ތިން މީހެއްގެ ފަރާތުން ކޮވިޑް-19އާ ގުޅޭ އަލާމާތްތައް ފެންނާތީ އެ މީހުންގެ ޓެސްޓް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މީގެކުރިން އަނަންތާރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ދެ މީހުން ކަރަންޓީނުކޮށްފައިވާއިރު އެމީހުންނާ ކޮންޓެކްޓްވި މީހުން ވެސް ރިސޯޓްގައި އެކަހެރިކުރި އެވެ.
އެމީހުން އެކަހެރިކުރުމަށްފަހު ރިސޯޓް ލޮކްޑައުންއިން އޭރު ނެގި އެވެ. ނަމަވެސް އަނެއްކާވެސް ތިން މީހެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ މިހާރު ވަނީ ރިސޯޓް އަލުން ލޮކްޑައުންއަށް ގެނެސްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަތް ދުވަސް ވަނީ ވެފަ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.