ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ދެރަކަމެއް، އަދިވެސް އެންމެން މަގުމަތީގައި

Mar 23, 2020
22

ޓްވިޓާ މެދުވެރިކޮށް ރައްޔިތުންނަށް ޝުކުރު އަދާކޮށް މިދިޔަ ހުކުރު ދުވަހު ފޮޓޯތަކެއް އާއްމުކުރި އެވެ. އެންމެން ގޭގައި ތިބެން ސިއްހީ އިދާރާތަކުން ކުރި އިލްތިމާސް، ރައްޔިތުންނަށް އަޑުއިވިއްޖެކަމަށް ބުނެ، ހުސްކޮށް އޮތް މާލޭގެ މަގުތަކުގެ ފޮޓޯތަކުންނެވެ. ފުލުހުން އެކަންޏެއް ނޫނެވެ. އާއްމުންގެ ތެރެއިން ގިނަ ބަޔަކު ހަމަ އެފަދަ މަންޒަރުތަކެއް ހިއްސާކުރަމުންދިޔަ އެވެ.

އެކަމަކު، މިއަދުވެސް މާލޭގެ މަގުތައް ފެންނަނީ ކާރޫބާރު ބޮޑުކޮށެވެ. ސައިކަލުތަކުގައި މީހުން ނުކުމެ ބުރުޖަހަނީ އެވެ. ކެފޭތަކުގައި ތިބެގެން ކެއިން ބުއިން މަނާކޮށްފައިވާތީ، ޓެކްއަވޭ ކޮފީ ހިފައިގެން ކަންކަންމަތީގައި އޮލަ ވާހަކައިގަ އެވެ. ބަންދުކޮށްފައިވާ ޕާކުތަކުން މީހުން ފޮނުވާލުމުގައި ފުލުހުން އަވަދިނެތި އެވެ. ފިހާރަތަކުންނާއި ސުޕާމާކެޓުތަކުގައިވެސް ހައްތަހާވެސް ހަމަ "ޒަރޫރީ" ބޭނުންތަކުގައި އުޅޭ މީހުނެވެ.

އެންމެ ތިން ދުވަހުގެ ތެރޭގައި މާލެ ތެރެއަށް އައިސްގެން މިއުޅޭ ބަދަލާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގުވެސް ކޮންމެވެސް ވަރަކަށް އިއްޔެ އަލި އަޅުވާލެއްވި އެވެ.

އޭނާ ވިދާޅުވީ ފަހަރެއްގައި އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން ބަޔަކު ރަނގަޅުވުމުގެ އިތުރުން، އާ މީހަކަށް އެ ބަލި ޖެހިފައި ނުވުމުން، ގިނަ ބަޔަކު ކުޑަކޮށް ހަމަޖެހިލެވުނީ ކަމަށްވެދާނެ ކަމަށެވެ.

ޑރ. ނަޒްލާ ފާހަގަކުރެއްވި ފަދައިން، ރާއްޖޭގައި މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.

އިތުރު މީހަކަށް އެ ބަލި ނުޖެހޭތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. މާލޭގެ މަގުތަކަށް "އީދު" އައިސްގެން އުޅެނީ އެހެންވީމާކަމަށް ވުން ވަރަށް ގާތެވެ. މި ބަލިން ރާއްޖެ ސަލާމާތްވެއްޖެކަމަށް އެއް ބަޔަކަށް ހީވާއިރު، އަނެއް ބަޔަކަށް މި ބަލިން ސަލާމާތްވެވޭކަން ކުއްލިއަކަށް އެނގިގެން އުޅޭ ކަހަލަ އެވެ.

"އެކަމަކު އެފަދަ ހާލަތަކަށް އަދި ރާއްޖެއެއް ނުދޭ. ކޮންމެ ވަގުތެއްގައި ވެސް އެ ބަލި ޖެހިފައިވާ މީހަކު ފެނުމުގެ ފުރުސަތު އަދިވެސް ހަމަ ބޮޑު،" ރާއްޖެއަށް އަދި ހަމަޖެހިލެވެން ނެއްކަން ތަކުރާރު ކުރައްވަމުން ޑރ. ނަޒްލާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް، ވައިރަސް ފެތުރިގެން ގޮސްފައި ވަނީ ކުއްލިއަކަށެވެ. ސިއްހީ އިދާރާތަކުން ސޯޝަލް ޑިސްޓެންސިންއަށް ބާރު އަޅަނީ އެ ސަބަބާ ހެދި އެވެ.

އެގޮތުން، ބަލި ޖެހުނު މީހުނާ ކޮންޓެކްޓުވި މީހުން އެކަހެރިކުރުމުގެ އިތުރުން، އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް އެ ބަލި ފެތުރުން ހުއްޓުވޭނީ، އާންމުން ތަންތަނަށް އެއްނުވެ، ގޭގައި މަޑުކޮށްގެންކަން ނަޒްލާ ތަކުރާރު ކުރެއްވި އެވެ.

މިއީ ޑރ. ނަޒްލާ ވިޔަސް އަދި އެހެން މީހަކު ވިޔަސް އެއްވެސް ހާލަތެއްގައި ބުނެދޭންޖެހޭ ވާހަކައެއް ނޫނެވެ. ކޮވިޑް-19އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް ދަތުރުކުރާ ބައްޔެކެވެ. އެގޮތަށް މާލޭ ތެރެއަށް ނުކުމެ އުޅޭ މީހަކަށް އެ ބަލި ޖެހިފައިވާނަމަ، އިތުރު ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު ހަމަ ހަގީގަތުގައިވެސް ބޮޑެވެ.

ތޮއްޖެހި، ފުރި ބާރުވެފައިވާ މާލޭގައި ހުރި މީހެއްގެ ގައިން ބަލި ފެނުނަސް، އޭނާއާ ބައްދަލުވި މީހުން ހޯދައި ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި އުނދަގޫތައް ނޭނގޭ ދިވެއްސަކު ނުހުންނާނެ އެވެ.

ފިހާރައެއްގެ ތެރެއިން ބައްދަލުވާ މީހުނާއެކު، އޭނާ މަގުމަތިން ހުރަސްކުރި ހުރިހާ އެންމެން ކަރަންޓީނުކުރަން ސަރުކާރަށް މަޖުބޫރުވާނެ އެވެ. އަދި އޭގެ ތެރެއިން އެހެން މީހެއްގެ ފުށުން އެހެން މީހަކަށް ބަލިޖެހިދާނެކަމުގެ ބިރަށް، މުޅި މާލޭ ސަރަހައްދު ލޮކްޑައުންކުރަންޖެހޭ ހާލަތަށްދާނެކަން ޔަގީނާ ގާތަށް ބުނަން އެނގެ އެވެ.

އެކަމަށް ބާރު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، ކޮރޯނާ ވައިރަހަށް އިތުރު ބަޔަކު ޕޮޒިޓިވް ވަމުން ނުދިޔަ ނަމަވެސް، މި ހާލަތުން އަރައިގަންނަ އަދި ގާތް ވެސް ނުވާ ކަމަށެވެ.

"މިކަމުގައި އެންމެ ހާސްވާ ކަމަކީ ފުރަތަމަ ވައިރަސް ޖެހިގެން އެއް ލައްކައަށް ބަލި މީހުންގެ އަދަދު މި އެރީ 90 ދުވަހުގެ ތެރޭގައި. ދެ ލައްކަ އަށް އަރަން 11 ދުވަސް ނެގީ އަދި ހަފުތާއެއްގެ ތޭރައި ތިން ލައްކަ އަށް އަރައިފި،" ބަލި ފެތުރެމުންދިޔަ ހަލުވިމިނަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ބަލައިލި ކޮންމެ ދިމާއަކުން އެ އޮތީ، ރައްޔިތުންގެ ފަރުވާކުޑަކަމާއި ބަސްނޭހުމުގެ މިސާލުތައް ވަރަށް ސާފުކޮށް ފެންނާށެވެ. ދިވެހިންނަށް ނުވިސްނިގެން އުޅޭނީ ކޮންކަމެއް ކަމެއް ބުނެދޭން އުނދަގޫވަނީ އެހެންވެ އެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ އިތުރު ވާހަކައެއްވެސް ވިދާޅުވި އެވެ.

ބޭރުން އަންނަ މީހުން އެތެރެނުވެވޭގޮތަށް ބޯޑަރުތައް ބަންދުކޮށް، މުޅި ރާއްޖެ ލޮކްޑައުންކުރަން ގޮވާ އަޑުތަކަށް ފަނޑުކަމެއްނާދެ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ލޮކްޑައުންކުރަން ބާރަށް ގޮވާފައި، އަވަސް އަވަހަށް ދުވެފައި ނުކުންނަނީ މަގު މައްޗަށެވެ. މުޅި ރާއްޖެ ލޮކްޑައުންކުރަން ގޮވާއިރު، އަމިއްލައަށް ގޭގައި "ލޮކްޑައުން"ވެގެން ތިބެލަންވެސް ބޭނުމެއް ނުވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވި ފަދައިން ގިނަ ބައެއްގެ ބަހާއި އަމަލު ދިމާއެއްނުވެ އެވެ.

އެހެން ކާރިސާތަކާއި ބަލާއާފާތުގެ ހާލަތްތަކުގައި އެކަމުން އަރައިގަތުމަށް އާއްމުންނަށް ކުރެވޭނެ މާބޮޑުކަމެއް ނޫނީ ދައުރެއް ނޯވެ އެވެ. ސަރުކާރަށް ބަރޯސާވެގެން ތިބެން މަޖުބޫރުވެ އެވެ. އެކަމަކު މިފަހަރު ތަފާތެވެ. ކޮންމެ މީހަކަށްވެސް މި ބަލި ފެތުރުން ހުއްޓުވޭނެ އެވެ. މާބޮޑުކަމެއް ކުރާށޭ ބުނަނީކީއެއްވެސް ނޫނެވެ. ބުރަކަމަކަށްވެސް ނުވާނެ އެވެ. ޓީވީ ކުރިމަތިގައި، ވެއްޓި އޮންނާށެވެ. ނެޓްފްލިކްސް ބަލަންވިޔަސް، ނޫނީ ގޭމު ކުޅެންވިޔަސް ވަރިހަމަ އެވެ. ގެއްލުނު ނިދިކޮޅު ހަމަކުރަންވިޔަސް ފަރުވާލެއްނެތެވެ. އެކަމަކު ގޭގައި މަޑުކޮށްދޭށެވެ. ހެޔޮނުވާނެ އެވެ.