ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ ކައުންސިލް

ހަލާކުވެފައި ހުންނަ ޕެލެޓްތައް ނަގައި މާލެ މަގުތައް ދޮވެ ސާފުކުރަނީ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ މަގުތައް ދޮވެ ސާފު ކުރުމާއި މަގުމަތީގައި ހަޑިކޮށް ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، މާލެ ސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވުމުގެ މަސައްކަތް ސިޓީ ކައުންސިލް އާއި އެމްއެންޑީއެފް ގުޅިގެން ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތް ކުރަމުންދާއިރު ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ހުންނަ ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެކްޓްތައް ނެގުމުގެ މަސައްކަތް މާދަމާ ހެނދުނުން ފެށިގެން ކުރިއަށް ގެނދާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މި ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާއިރު މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް-19 އަށް ވައިރަސް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރެކެވެ.