ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހުޅުމާލެ ރައްޔިތުން ގޭގަ ތިބޭ: ރެޑްވޭވުން މުދާ ގެންގޮސް ދޭނެ

Mar 22, 2020

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ގޭގައި ތިބުމެވެ. ގެއިން ބޭރަށް ނުގޮސް "ހޯމް ކަރަންޓީން" ގައި ތިބުމަށް ސިއްހީ މާހިރުން އިރުޝާދު ދެނީ އެހެންވެ އެވެ. އެހެންވެ ގިނަ ވިޔަފާރި ތަކުން މި ވަނީ ގޭގައި ތިބި ރައްޔިތުން ބޭނުންވާ އެއްޗިހި ގެ އަށް ގެންގޮސް ދެމުންނެވެ. މީގެ އެއް ވިޔަފާރިއަކީ ރެޑްވޭވް އެވެ. އެ ކުންފުނިން މިވަނީ ހުޅުމާލޭގައި ގަންނަ މުދާ ގެއާހަމަ އަށް ގެންގޮސް ދިނުމުގެ ހިދުމަތް ދޭން ފަށާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ރެޑްވޭވް ކުންފުނިން މި ހިދުމަތް ފެށީ ކަސްޓަމަރުން ގޭގައި ތިބުމަށް އިތުރު ބާރެއް އެޅުމުގެ ގޮތުންނެވެ.

"މި ހިދުމަތް ފަށާފައިވަނީ ކާބޯ ތަކެއްޗާއި އެސެންޝިއަލް ސާމާނަށް ހާއްސަކޮށްގެން. މި ހިދުމަތާއެކު އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދޭން ބާރަކަށް ވެގެންދާނެ،" ރެޑްވޭވުން ބުނެފައިވެ އެވެ.

ގެންގޮސް ދޭނީ 100ރ. އިން މަތީގެ އޯޑަރުތައް

ހުޅުމާލޭގައި ދޭ ހޯމްޑެލިވަރީގެ ހިދުމަތް ދެނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދުގަ އެވެ. މުދާ ގެންގޮސް ދިނުމުން ކޭޝް ކާޑުން ފައިދާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. ގެއަށް ގެންގޮސް ދޭނީ 100ރ. މަތީގެ ވިޔަފާރިތަކެވެ. މި ހިދުމަތް ލިބޭނީ އެ ކުންފުނީގެ ނަމްބަރު 9801842 އަދި 9165326 އަށް ވައިބާ ކުރުމުންނެވެ.

މާލޭގައި ވެސް މި ހިދުމަތް ފަށަން ތައްޔާރު ވަނީ

ރެޑްވޭވުން ދަނީ ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު ސުޕަ މާކެޓު ހިންގަމުންނެވެ. މީގެ އިތުރުން ވެސް ބޮޑު ފިހާރައެއް ހިންގަ އެވެ. ރެޑްވޭވުން ވަނީ މި ހިދުމަތް މާލޭގައި ފަށަން ވެސް ތައްޔާރުވެފަ އެވެ. އަދި އެ ކުންފުނިން ދަނީ ހާއްސަ ވެބްސައިޓެއް ލޯންޗް ކުރަން ވެސް މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން އެދެނީ ރައްޔިތުން ގޭގައި ތިބުމަށެވެ. ބޭރަށް ނުނިކުތުމަށެވެ.

"އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ މުދާ ޑެލިވަރީ ކޮށްދޭނަން. ތިޔަ ބޭފުޅުން ގޭގައި ތިއްބަވާ." ރެޑްވޭވްގެ މެސެޖަކީ މި އެވެ.