ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެލިގަނޑުން ޓެސްޓްކުރި މީހާ ނެގެޓިވް

Mar 22, 2020

ވެލިގަނޑު އައިލަންޑް ރިސޯޓްއިން ކޮވިޑް-19 އަށް ޓެސްޓްކުރި ބިދޭސީ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އެހެންވެ، އެ ރިސޯޓް މިހާރު ވަނީ މޮނީޓަރިން ހާލަތުން ނަގާފަ އެވެ.

މިއަދު ވަނީ އިތުރު އެހެން ރިސޯޓްތަކަކުން ސާމްޕަލް ނެގި ބައެއްގެ ޓެސްޓްތައް ވެސް ނެގެޓިވްވެފަ އެވެ. އެއީ ކ. އަދާރަން ކްލަބް ރަންނާޅިގެ ދިވެއްސަކާއި އދ. ސެންޓަރާ ގްރޭންޑް ރިސޯޓުގެ ދިވެއްސެއްގެ ނަތީޖާ އެވެ. އެ ދެ ރިސޯޓް މިހާރު ވަނީ މޮނީޓަރިން ހާލަތުން ނަގާފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަތް ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.