ނިއު ދިއްލީ (މާޗް 23) - ކޮވިޑް-19ގެ އިތުރު ކޭސްތަކެއް ފެނުމާގުޅިގެން ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގެ 75 ސަރަހައްދެއް ލޮކްޑައުންކޮށްފި އެވެ.
އެ ފިޔަވަޅުގެ ދަށުން އަސާސީ ހިދުމަތްދޭ ފޯރުކޮށްދޭ އެހެން ތަންތަން ބަންދުކުރަން އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ވެރިރަށް ނިއު ދިއްލީ ހިމެނޭގޮތަށް އިންޑިއާގެ ގިނަ ސަރަހައްދުތަކެއް ބަންދުކޮށްފައިވަނީ، އިއްޔެ މުޅި ގައުމުގައި 14 ގަޑިއިރުގެ ކާފިއުއެއް އިއުލާނު ކުރުމަށްފަހު އެވެ.
ގާތްގަނޑަކަށް 20 މިލިއަން މީހުން ދިރިއުޅޭ ނިއު ދިއްލީގައި މި މަހުގެ ނިޔަލަށް ހުރިހާ ފިހާރަތަކާއި އަމިއްލަ އޮފީސްތައްވެސް ބަންދުކުރަން ވަނީ އަންގައިފަ އެވެ.
ހާއްސަކޮށް ޓޫރިސްޓުންގެ މެދުގައި މަގުބޫލު، ތާޖު މަހަލް ފަދަ ބިނާތަކާއި ދާރުލްއާސާރުތައް މިހާރު ބަންދު ކޮށްފައިވާއިރު، އިންޑިއާއިން ވެސް ވަނީ ގިނަ ގައުމުތަކަކުން މީހުން އެތެރެވުން މަނާކޮށް، އެންޓްރީ ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
އިންޑިއާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފަ އެވެ.