ނިއު ދިއްލީ (މާޗް 30) - ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުޅި އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، އެ ފިޔަވަޅުގެ ސަބަބުން ހާއްސަކޮށް ފަގީރުންނަށް ކުރިމަތިވަމުންދާ ނިކަމެތި ހާލަތާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މައާފަށް އެދިވަޑައިގެންފި އެވެ.
އެންމެ ހަތަރު ގަޑިއިރުގެ ނޯޓިސްއަކާއެކު، މުޅި އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، މޯދީގެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ލޮކްޑައުންކުރުމާއެކު، އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން ހާއްސަކޮށް ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެ، އެ މީހުން ބަނޑަށްޖެހިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އެ ގޮތުން، ދުވަހު މަސައްކަތުގައި އުޅޭ އެތަކެއް ހާސް މީހުން، އެ މީހުން ދިރިއުޅޭ އަވަށްތަކަށް އެތައް ސަތޭކަ ކިލޯމީޓަރެއް ފައި މަގުގައި ދިޔުމަށް ވަނީ މަޖުބޫރުވެފަ އެވެ.
ކޮންމެ ހަފްތާއަކު މޯދީ ދެއްވާ ރޭޑިއޯ ހިތާބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމު ލޮކްޑައުންކުރަން މަޖުބޫރުވީ، ބަލި ފެތުރުން ހުއްޓުވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުގެ ފޯރުންތެރިކަމެއް ނެތް އަހުންނާއި އުހުތުން ހިތަށް އަރާނެ، ކޮންކަހަލަ ބޮޑުވަޒީރެއްބާއޭ މިކަހަލަ ދަތިއުނދަގުލެއްގެ ތެރެއަށް އަހަރެމެން މި ވައްޓައިލީ،" މޯދީ ވިދާޅުވި އެވެ.
"ހާއްސަކޮށް އެފަދަ ރައްޔިތުންގެ ކިބައިން، އަޅުގަނޑު މައާފަށް އެދެން."
މިދިޔަ އަންގާރަ ދުވަހު އެޅި ފިޔަވަޅާއެކު، އަސާސީ ތަކެއްޗާއި ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދުކުރަން އިންޑިއާ ސަރުކާރުން ވަނީ އަންގައިފަ އެވެ.
އެކަމާއެކު އިންޑިއާގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު އެކީގައި ހުއްޓުމާއެކު، ބޮޑެތި ސިޓީތަކުގައި ދުވަހު މަސައްކަތުގައި އުޅޭ އެތަކެއް ހާސް ފަގީރުންނަކަށް، އެ މީހުންގެ އަވަށްތަކަށް ފައި މަގުގައި ދިޔުމަށް ވަނީ މަޖުބޫރުވެފަ އެވެ.
އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު، 270 ކިލޯމީޓަރު ދުރުގައި އޮތް އަވަށަކަށް ފައި މަގުގައި ދިޔުމުގެ މަގުމަތީގައި މީހަކު ވަނީ މަރުވެފަ އެވެ.
ފަގީރުންނަށް ކާބޯތަކެއްޗާއި މާލީ އެހީތެރިކަން ދިނުމަށް ހިމަނައި، އިންޑިއާ އިން ވަނީ 22 ބިލިއަން އެމެރިކާ ޑޮލަރުގެ އިގުތިސޯދީ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،000 އާ ގާތްކުރާއިރު، އެ ބަލީގައި މިހާތަނަށް 25 މީހުން ވަނީ މަރުވެފަ އެވެ.