ނިއު ދިއްލީ (މެއި 13) - ކޮވިޑް-19 އާ ގުޅިގެން މުޅި ގައުމު ލޮކްޑައުން ކުރުމާއެކު، އިންޑިއާގެ އިގުތިސޯދު ކޮޅަށް ޖެހުމަށް 260 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ޕެކޭޖެއް ސަރުކާރުން އިއުލާނު ކޮށްފި އެވެ.
ޓީވީ މެދުވެރިކޮށް، އިންޑިއާގެ އުފެއްދުންތެރިކަމުގެ 10 ޕަސަންޓުގެ އެ ޕެކޭޖު އިއުލާނު ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިގުތިސޯދީ ޕެކޭޖުގެ ދަށުން ކުދި ވިޔަފާރިތަކަށާއި، ދަނޑުވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައި ވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕެކޭޖާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓަރު ހާމަ ކުރައްވާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ބަލި ފެތުރުން ހުއްޓުވުމަށް އިންޑިއާގައި އަޅާފައިވާ ލޮކްޑައުން ލުއި ކުރަމުން އަންނަ އިރު، އަންނަ އަންގާރަ ދުވަހުން ފެށިގެން ރޭލު ދަތުރުތައް ވެސް ވަނީ އަލުން ފަށާފަ އެވެ.
އިންޑިއާގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 70،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 2،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، އެ ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު ނިސްބަތުން މަދުވުމުގެ ސަބަބުން، ކޮވިޑް-19 ޖެހިފައިވާ ހަގީގީ އަދަދުތައް ދެނެގަނެވިފައި ނުވާ ކަމަށް ބައެއް ސިއްހީ މާހިރުނއ ގެންދަވަނީ ވިދާޅުވަމުންނެވެ.
މިދިއަ މާޗް މަހުގެ 25 ވަނަ ދުވަހުން މުޅި އިންޑިއާ ލޮކްޑައުން ކުރުމާއެކު، އެ ގައުމުގައި ދިރިއުޅޭ ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެ، އެ މީހުންގެ އަވަށްތަކަށް ހިޖުރަކުރަން ވެސް ވަނީ މަޖުބޫރުވެފަ އެވެ.