ނިއު ދިއްލީ (އޭޕްރީލް 14) - ކޮވިޑް-19 އާ ގުޅިގެން ގާތްގަނޑަކަށް އެއް މަސް ދުވަހަށް މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު، އެ މުއްދަތު އިތުރު ކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
އެކާވީސް ދުވަހަށް ލޮކްޑައުން ކުރި ކުރުން މިރޭ ދަންވަރު 12:00 އިގެ ނިޔަލަށް ހަމަވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ގައުމާ މުހާތަބުކޮށް ވިދާޅުވީ، ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
"އިގުތިސޯދީ ގޮތުން ވަރަށް ބޮޑު އަގެއް ވަނީ އަދާ ކުރަންޖެހިފައި. އެކަމަކު ރައްޔިތުންގެ ފުރާނަ އެއަށްވުރެ މާ މުހިއްމު،" މޯދީ ވިދާޅުވި އެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 10،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 330 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.
މޯދީ އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާއަކީ ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށާއި، އެހެން ސަރަހައްދުތަކަށް ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، އެ މުއްދަތުގެ ތެރޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް އެއް ހަފުތާގެ ތެރޭގައި، ވައިރަސް ނުފެތުރޭ ސަރަހައްދުތަކަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ވިސްނަވާނެ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.
ލޮކްޑައުން ކުރުމާއެކު، އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން ހާއްސަކޮށް ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެ، އެ މީހުން ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އެ ގޮތުން، ދުވަހު މަސައްކަތުގައި އުޅޭ އެތަކެއް ހާސް މީހުން، އެ މީހުން ދިރިއުޅޭ އަވަށްތަކަށް އެތައް ސަތޭކަ ކިލޯ މީޓަރެއް ފައި މަގުގައި ދިޔުމަށް ވަނީ މަޖުބޫރުވެފަ އެވެ.
ފަގީރުންނަށް ކާބޯތަކެއްޗާއި މާލީ އެހީތެރިކަން ދިނުމަށް ހިމަނައި، އިންޑިއާ އިން ވަނީ 22 ބިލިއަން އެމެރިކާ ޑޮލަރުގެ އިގުތިސޯދީ ޕެކޭޖެއް އިއުލާނު ކޮށްފަ އެވެ.
ބޮޑެތި ސިޓީތަކުން އަވަށްތަކަށް ހިޖުރަކުރާ ފަގީރުންގެ ފަރާތުން، ދުރު ހިސާބުތަކަށް އެ ވައިރަސް ފެތުރުމުގެ ބިރު ބޮޑުކަމަށް ބުނެ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.