ބާލިން (މާޗް 23) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ދެ މީހުނަށް ވުރެ ގިނައިން އެއްވެ އުޅުން ޖަރުމަނުގައި މަނާކޮށްފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވީ ވައިރަސް ފެތުރުމާ ދެކޮޅަށް އެންމެ ވަރުގަދަ ހަތިޔާރަކީ ރައްޔިތުންގެ އަމަލުކުރާގޮތް ކަމަށެވެ.
ޖަރުމަނުގައި އަސާސީ ހިދުމަތްދޭ ތަންތަން ފިޔަވައި، އެހެން ހުރިހާ ތަނެއް މިހާރުވެސް ބަންދުކޮށްފައިވާއިރު، މިއަދުން ފެށިގެން ސެލޫންތަކާއި މަސާޖުކުރާ ތަންތަންވެސް ބަންދުކުރަން ވަނި އަންގަވައިފަ އެވެ.
ރައްޔިތުންނަށް މިސާލު ދެއްކެވެމުގެ ގޮތުން، މާކަލް ވެސް މިހާރު ވަނީ އަމިއްލައަށް އެކަހެރިވެފައިވާކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
ޔޫރަޕުގެ އެންމެ ބޮޑު އިގުތިސޯދު އޮންނަ ޖަރުމަނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 18،610 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 55 މީހަކު ވަނީ މަރުވެފަ އެވެ.
ޔޫރަޕުގެ އެހެން ގައުމުތަކުގެ ހާލަތު
ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި އިއްޔެ އެކަނިވެސް 651 މަރު ވަނީ ރިޕޯޓުކޮށްފަ އެވެ. ބަލި ޖެހިގެން އިޓަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 5،476 އަށް ވަނީ އަރައިފަ އެވެ.
އިޓަލީގެ ހާލަތުން އެހެން ގައުމުތަކުން ފިލާވަޅު ލިބިގަތުމަށް އެގައުމުގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ ގޮވާލައްވައިފަ އެވެ.
އިޓަލީގެ އިތުރުން ސްޕެއިންގައިވެސް ކޮވިޑް-19 ފެތުރުމުގައި މަޑުޖެހުމެއް ނާދެ އެވެ. ސްޕެއިންގައި އިއްޔެ ވެސް 394 މީހުން މަރުވެފައިވާއިރު، މަރުގެ ޖުމްލަ އަދަދު މިހާރު ވަނީ 1،720 އަށް އަރައިފަ އެވެ.
އެކަމާ ގުޅިގެން، ސްޕެއިންގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ހާލަތުވެސް ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.
މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހުނު އަދަދު 310،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.