ބާލިން (އޭޕްރީލް 16) - ޖަރުމަނުގައި ކޮވިޑް-19 ފެތުރޭ މިންވަރު މަޑުޖެހުމާއެކު، އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މަޑުމަޑުން ލުއިކުރަން ނިންމާފައިވާކަމަށް، އެގައުމުގެ ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވެއްޖެ އެވެ.
އެގޮތުން، 8،600 އަކަ ފޫޓަށް ވުރެ ބޮޑެތި ފިހާރަތައް، ސާފުތާހިރުކަމުގެ ބައެއް ފިޔަވަޅުތަކާއެކު ހުޅުވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަމަށް، ޖަރުމަނުގެ 16 ސްޓޭޓުގެ ލީޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މާކަލް އިއުލާނުކުރެއްވި އެވެ.
ނަމަވެސް، ފިހާރަތަކާއި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާ މީހުން، ފޭސްކު މާސްކް އެޅުން ފަދަ ރައްކާތެރި ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް އެކަމަނާ ވިދާޅުވި އެވެ.
ގައި ދުރުކުރުމުގެ ފިޔަވަޅުތައް އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ދެމިއޮންނައިރު، ސްކޫލުތަކާއި ޔުނިވާސިޓީތައް މެއި ހަތަރަކުން ފެށިގެން ހުޅުވަން ފަށާނެކަމަށް ވެސް ޗާންސެލާ އިތުރަށް ވިދާޅުވެފައިވެ އެވެ.
އެގޮތުން، އެންމެ އިސްކަމެއް ދޭނީ އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށެވެ. ނަމަވެސް، އޯގަސްޓް 31 އާ ހަމައަށް ބޮޑެތި އެއްވުންތައް ބޭއްވުން މަނާވާނެކަމަށްވެސް މާކަލް ވަނީ ވިދާޅުވެފަ އެވެ.
ޖަރުމަނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 132،700 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 3،590 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބަލި ފެތުރޭ މިންވަރު މަޑުޖެހި، ޖަރުމަނުގެ އިތުރުން، ސްޕެއިން، އިޓަލީ އަދި އޮސްޓްރިއާގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް މިހާރު ވަނީ ލުއި ކުރަން ފަށައިފަ އެވެ.