ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން މޭޔަރު އަދި ޑެޕިއުޓީ މޭޔަރުގެ ނަން ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ގާނޫނަށް އިސްލާހު ހުށައެޅުއްވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ދޮގު ކުރައްވައިފި އެވެ.
އަލީ ނިޔާޒުގެ އިސްލާހާ ގުޅިގެން ދެން ސިޓީ ކައުުންސިލުގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ނުކިޔޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ވާހަކަދައްކަވާފައެވެ. އަދި ބައެއް ނޫސްތަކުގައިވެސް އެގޮތަށް ވަނީ ރިޕޯޓް ކޮށްފައެވެ.
އަވަސްއާ ވާހަކަދައްކަވަމުން މެންބަރު އަލީ ނިޔާޒް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 41 އަދި 42 ވަނަ މާއްދާގައި ސިޓީ ކައުންސިލް އުފެދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. މޭޔަރު އަދި ޑެޕިއުޓީ މޭޔަރުން ތިބޭނެ ކަމަށް އެ މާއްދާތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އަލީ ނިޔާޒް ހުށައަޅާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 49 ވަނަ މާއްދާ އުނިކުރުމަށެވެ. ސިޓީ ކައުނސިލްގެ ރައީސަށް މުހާތަބު ކުރާ ގޮތް ބަޔާންކުރާ މި މާއްދާގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބު ކުރާނީ "މޭޔަރު މިގޮތަށް ކަމަށާ ސިޓީ ކައުންސިލްގެ ނާއިބް ރައީސަށް މުހާތަބު ކުރާނީ "ޑެޕިއުޓީ މޭޔަރު" މި ގޮތަށް ކަމަށެވެ.
މެންބަރު ނިޔާޒް ވިދާޅުވީ އެއީ ބޭކާރު މާއްދާއެއް ކަމަށާ އެއްވެސް އިރަކު ސިޓީ ކައުންސިލްގައި ރައީސުންނާއި، ނާއިބް ރައީސުން ނުތިއްބަވާ ކަމަށެވެ. އެއީ ކުރީގެ ގާނޫނުގައި ބުނެފައިވާ ގޮތް ކަމުން އެ މާއްދާ އުވާލަން ހުށައެޅީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިސްލާހު ހުށައެޅުމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އިސްލާހު ފާސްވުމުން ދެން ސިޓީ ކައުުންސިލުގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ނުކިޔޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައިވެސް އަލީ ނިޔާޒު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ގާނޫނު ރަނގަޅަށް ވިދާޅުވުމަށް އެދިލެއްވިއެވެ.