ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަކުރާހުރާއިން ޝައްކުވި މީހާގެ ނަތީޖާ ނެގެޓިވް

Mar 23, 2020

ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ސިނަމަން ހަކުރާ ހުރާއިން ޓެސްޓްކުރި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. އެހެންވެ، އެ ރިސޯޓް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގާފަ އެވެ.

އެމީހާގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އެކަހެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ހިމެނެ އެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.