ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެލައިނީ ކޮންޓެކްޓްވި ދެ ދިވެއްސަކު ނެގެޓިވް

މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް ކޮވިޑް-19އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިރޭ ނަތީޖާ ލިބިފައިވަނީ ވެލިދޫގައި އެކަހެރިކޮށްފައިވާ ދެ ދިވެހިންނެވެ. ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެ ދެ ދިވެހިންގެ ވެސް ނަތީޖާ ލިބިފައިވާއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ.

ވެލިދޫއަށް ގެންދިޔަ ދެ މީހުން ދިރިއުޅުނު ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް ލޮކްޑައުންކުރި އެވެ. މަބުރޫކު ވިދާޅުވީ އެ ދެ ގެ ވެސް ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު ވެސް އެކަހެރިކޮށްފައި އެބަ ތިއްބެވެ. އެއީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.