ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ ދެ ގެ ލޮކްޑައުންއިން ނަގައިފި

މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް ކޮވިޑް-19އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާތީ އެ ދެ މީހުން ދިރިއުޅޭ ގެ ލޮކްޑައުންއިން ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ މާލޭގައި ލޮކްޑައުންކުރި ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދެ ދިވެހިން ދިރިއުޅޭ ގެ ކަމަށެވެ. އެ ދެ މީހުންގެ ނަތީޖާ މިރޭ ލިބިފައިވާއިރު ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވް އެވެ.

އެހެންވެ، އެ ދެ ގެއަށް އަލުން މީހުން ވަދެ ނުކުމެ އުޅެވޭ ގޮތަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް އެ ދެ މީހުން ތިބީ ވެލިދޫގަ އެކަހެރިކޮށްފަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު ވެސް އެކަހެރިކޮށްފައި އެބަ ތިއްބެވެ. އެއީ ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.