ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލަންކާގައި ތިބި ދިވެހިންނަށް ފްލައިޓެއް ބާއްވަނީ

Mar 24, 2020
8

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވިފައި ސްރީލަންކާގައި ތިބި ދިވެހިން ގެންނަން އިނަ މޯލްޑިވްސް ހޮލިޑޭސް އިން ރާއްޖެ އަށް ފްލައިޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްސް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ލަންކާގައި ތިބި ގިނަ ބަޔަކު އަންނަން އެދެމުންދާ ކަމަށާ، އެހެން ކަމުން ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން ހާއްސަ ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އެބަ އެދޭ ރާއްޖެ އަންނަން. އެކަމަށްޓަކައި ސްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ވެސް މި ދަނީ ވާހަކަ ދެކެވެމުން. މި ބަލަނީ 27 ގައި ފްލައިޓު ބާއްވަން. މި ފްލައިޓު ބާއްވާނެ އަގު އަދި ފައިނެއް ނުވޭ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ރޯގާ ސްރީލަންކާގައި ވެސް ވަނީ ފެތުރިފަ އެވެ. އޭގެ ސަބަބުން އެ ގައުމަށް ފްލައިޓްތަކުގެ ދަތުރުތައް މަނާކޮށް، ކާފިއު ހިންގާފައި ވެއެވެ.

ކޮވިޑް-19 ރޯގާ އާއްމުންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށް ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީން އަކަށް ދާން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. ރާއްޖެ އަންނަ ދިވެހިން ކަރަންޓީންގައި ބޭތިއްބުމަށްޓަކައި 10 ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ވަނީ ހަމަ ޖައްސާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 95 ބަލި މީހެއް ސްރީލަންކާއިން ފެނިފައިވެ އެވެ. ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔެއިން މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާރު މިބަލި ދުނިޔޭގެ 150 ގައުމަށް ފެތުރިފައިވާއިރު، އެންމެ ގަދަ އަށް ފެތުރެނީ ޔޫރަޕު ބައްރުގެ ގައުމުތަކުގަ އެވެ.