ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 ފެތުރުން އިތުރަށް ހަލުއި ވެއްޖެ: ޑަބްލިޔުއެޗްއޯ

ބަލާއާފާތެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅާފައިވާ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރަށް ހަލުއި ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން މިގޮތަށް ބުނެފައި ވަނީ މުޅި ދުނިޔޭގައި އަދިވެސް ވަރަށް ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300،000 އަށް ވުރެ އިތުރުވެފައި ވަނިކޮށެވެ.

އެގޮތުން، ފުރަތަމަ 100،000 މީހުނަށް އެ ބަލި ޖެހެން 67 ދުވަސް ނެގިއިރު، 200،000 ހަމަކުރަން ނެގީ 11 ދުވަހެވެ. ނަމަވެސް، 300،000 މީހުނަށް އެ ބަލި ފެތުރެން ނަގާފައި ވަނީ އެންމެ ހަތަރު ދުވަހެވެ.

އެކަމާ ގުޅިގެން، ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު ޓެސްޓުކޮށް، ބަލި ޖެހޭ މީހުން އަވަހަށް ދެނެގަނެވި، އެމީހުން އެކަހެރި ކުރުން އިތުރު ކުރެވޭނަމަ، އެ ބަލީ ފެތުރޭ ދުވެލި އަދިވެސް މަޑުޖައްސާލެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސޯޝަލް ޑިސްޓަންސިންގް އިތުރުކޮށް ރައްޔިތުން ގޭގައި ބޭއްތިބުމަކީ އެ ވައިރަސް ފެތުރޭ ދުވެލި މަޑުޖައްސާލަން މުހިއްމު ހަތިޔާރެއް ކަމަށެވެ. ނަމަވެސް، އެކަމަށް އެކަނި އިސްކަންދީގެން އެ ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

"މި ކަން ކާމިޔާބު ކުރަން، ވައިރަހާ ދެކޮޅަށް ވަރަށް ވިސްނުންތެރިކަމާއެކު އެބަޖެހޭ އެޓޭކު ކުރަން. ޝައްކު ކުރެވޭ ކޮންމެ މީހަކު ޓެސްޓުކޮށް، އެކަހެރި ކުރަން. އަދި ބަލި ޖެހޭ މީހުނާ ޑައިރެކްޓް ކޮންޓެކްޓުވާ މީހުން އަވަހަށް ކަރަންޓީނުކޮށް ފަރުވާދޭން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބަލި ޖެހިފައިވާ މީހުނަށް ފަރުވާދޭ ސިއްހީ ފަންނުވެރިންގެ މެދުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެކަމާ ގުޅިގެން ވެސް ޑަބްލިޔުއެޗްއޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޓެޑްރޯސް ވިދާޅުވި ގޮތުގައި، ފަރުވާ ދިނުމަށް ހަރަކާތްތެރިވާ މީހުނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއްދޭންޖެހޭ ކަމަށެވެ.

އަދި ސިއްހީ ފަންނުވެރިންނަށް އެ ބަލި ޖެހުން އިތުރުވާނަމަ، އެހެން މީހުނަށް ފަރުވާދީގެން މި ބަލިން މީހުން ސަލާމަތްކުރަންކުރާ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ޓެޑްރޯސް ވިދާޅުވި އެވެ.