ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭލެވެލް އިމްތިހާނު ފަސްކޮށްފި

މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން އޮތް އޭލެވެލް އިމްތިހާނު މި އަހަރު އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލެ އާއި އަތޮޅުތަކުގެ ތެރެއިން 37 ސްކޫލް ސެންޓަރުން ބައިވެރިވާ ދަރިވަރުންނެވެ.

އޭލެވެލް އިމްތިހާނު ފަސް ކުރިއިރު، ކެމްބްރިޖް ޔުނިވާސިޓީން އަންނަ މެއި އަދި ޖޫން މަހު ބާއްވަން ތާވަލު ކުރި އިމްތިހާންތައް ވަނީ ކެންސަލްކޮށްފަ އެވެ.

އެ ޔުނިވާސިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކެއް ބަންދު ކޮށްފައި ވާތީ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން، ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވަން ނިންމައިފައިވާ ކަމަށް އިއުލާން ކޮށްފައި ވެ އެވެ.

އޯ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ ކެމްބްރިޖް އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިހާނެވެ.